ގަރާޖެއް ނެތި މާލޭގައި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހުގެ އިބްތިދާއީ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފަށައިފި އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު ވަނީ މާލޭގެ އެންމެ ގެއެއްގައި 1،700 އަށް ވުރެ ގިނަ ކާރު ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް އެ ގޭގެ މައުލޫމާތު އޭނާ ހިއްސާކުރައްވާފައެއް ނުވެ އެވެ.
އެ މައުލޫމާތު ހިއްސާކުރެއްވުމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް މެންބަރު ނަޝީދު ވަނީ އެކަމަށް އިންކާރުކުރައްވާފަ އެވެ.
މެމްބަރު ނަޝީދު ވިދާޅުވީ "ގަރާޖު ސިޓީ" ވިއްކައިގެން ކައިބޮއި ހަދާ މީހުން މިއަދު މާލޭގައި އުޅޭ ކަމަށެވެ.
"ދޫކުރާ ގަރާޖު ސިޓީއަށް ވާގޮތެއް ނޭނގޭ. ކާރުތައް ހުންނަނީ މަގުމަތީގައި. ގަރާޖެއް ނުފެނޭ،" ނަޝީދު ވިދާޅުވި އެވެ.
ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ މީގެ ކުރިންވެސް ގަރާޖު ސިޓީ އުވާލުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެ އިސްލާހު ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ.
މާލޭގައި ދުއްވާ ހަތަރުފުރޮޅުލީ އުޅަނދުތައް އަބަދުވެސް ރަޖިސްޓްރީ ކޮށްދެނީ އުޅަނދު ބާއްވާނެ ގަރާޖެއް ދެއްކުމުންނެވެ. ކުރިން އެ މަސައްކަތް ކުރީ ޓްރާންސްޓްޕޯޓް މިނިސްޓްރީން ކަމަށްވީ ނަމަވެސް މިދިޔަ ޖުލައި މަހުން ފެށިގެން އެ މަސައްކަތް ކުރަނީ ސިޓީ ކައުންސިލުންނެވެ.