ރައްޔިތުންގެ މަޖިލިސް

ގަރާޖު ސިޓީ އުވާލަން މަޖިލިސް ރައީސާއި ނައިބު އަދި މެޖޯރިޓީ ލީޑަަރު ދެކޮޅު

ގަރާޖެއް ނެތި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރެޖިސްޓްރީ ކޮށްދޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ކޮމެޓީން ނިންމި ނިންމުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އާއި މެޖޯރިޓީ ލީޑަރު އަލީ އާޒިމް ދެކޮޅު ހައްދަވައިފި އެވެ.

އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބާއްވާނެ ކަމުގެ ލިޔުން ހުށަހަޅަން ލާޒިމް ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން ވަނީ ފާސް ކޮށްފަ އެވެ.

އިއްޔެގެ ޖަލްސާގައި އޮތް އެކަމާ ގުޅޭ ބަހުސްގައި އެމްޑީޕީގެ ގިނަ މެމްބަރުން އެ އިސްލާހަށް ތާއީދުކުރެއްވި އިރު މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ އެ އިސްލާހާ ދެކޮޅު ހައްދަވާފަ އެވެ. އޭނާ އިއްޔެ ވިދާޅުވީ "އެ އިސްލާހު ފާސްވުމަކީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ ފޭލިވެގެން ދިއުން" ކަމަށެވެ.

އޭގެ ފަހުން މިއަދުގެ ޖަލްސާގައި އެ އިސްލާހަށް ބަހުސް ކުރުން އޮތެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް، އިވާ އަބްދުﷲ ވިދާޅުވީ ނާޖާއިޒު ގޮތުގައި ކުރާ ކަމެއް ގާނޫނެއްގައި ލިޔެގެން އެއީ ޖާއިޒު ކަމަަކަށް ހަދަން އުޅުނަސް އޭގައިވާ ނާޖާއިޒް ގޮތް ފިލައިގެން ނުދާނެ ކަމަށެވެ.

"އަޅުގަނޑުމެން ކިތަންމެ ވަރަކަަށް ގާނޫނު ބަދަލު ކުރި ކަމުގައި ވިޔަސް އެއީކީ ރަނގަޅުކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ބަދަލެއް ނުކުރެވޭނެ. މިއަށްވުރެ ރަނގަޅު ހައްލެއް މާލެ ތޮއްޖެހުމަށް ހޯދަން ޖެހޭނެ. ރަޖިސްޓްރީ ކުރުމުގައި ކޮރަޕްޝަން އުޅެންޏާ އެ ކޮރަޕްޝަން ނައްތާލުމަށް ހިންގާ ކަންކަމާ އަދި މި ގަވައިދު ވެސް ތަންފީޒު ކުރަން ޖެހޭނެ. ގަވައިދު އުވާލާނީކީ ނޫން! މިހާރު މި އޮތް ގޮތަށް ގަވައިދު އުވާލައިފިއްޔާ މުޅި މާލެ އަނެއްކާ ވެސް ވެހިކަލްތަކުން ތޮއް ޖެހޭނީ." އީވާ ވިދާޅުވި އެވެ.

ގަރާޖު ސިޓީ އުވާލުމުގެ ބަދަލުގައި ރަނގަޅަށް ދިރާސާ ކޮށް ތިމާވެއްޓާ ރައްޓެހި ދުުރު ރާސްތާ ހައްލެއް ހޯދަން ޖެހޭ ކަން އީވާ މިއަދު ފާހަގަ ކުރެއްވި އެވެ. އޭނާ އެދިވަޑައިގެންނެވީ މާލޭގެ ލޭންޑް ޔޫސް ޕްލޭނަށް ރިއާޔަތްކޮށް މާލޭގެ އާ ސިޓީ ކައުންސިލްއާ ވެސް މަޝްވަރާކޮށް މާލޭގެ ރައްޔިތުންނަށް ލުޔެއް ލިބޭ ފަދަ ދުރު ރާސްތާ ހައްލެއް ހޯދަން މަސައްކަތް ފަށާށެވެ. އަދި މައްސަލަ އަލުން ކޮމެޓީއަށް ފޮނުވައި ގޮތެއް ނިންމަން ވެސް އޭނާ ގޮވާލެއްވި އެވެ.

މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ އިވާއަށް ތާއީދު ކުރައްވައި ގަރާޖު ސިޓީ އުވާލަން ދެކޮޅު ހައްދަވާފަ އެވެ. އޭނާ މިއަދު ވިދާޅުވީ ގާރަޖު ސިޓީ އުވާލުމަކީ ހައްލެއް ނޫން ކަމަށާއި ހައްލަކީ ގަރާޖު ސިޓީން ވިޔަފަރީ ކޮށް ނާޖާއިޒު ފައިދާ ނެގި އަދި ނަގާ މީހުނަށް އަދަބު ދިނުން ކަމަށެވެ. އާޒިމް ވެސް އެދިވަޑައިގެންނެވި އެ މައްސަލަ އަލުން ކޮމެޓީއަށް ފޮނުވާލާށެވެ.

އޭގެ ފަހުން ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު ވެސް ވިދާޅުވީ ގަރާޖު ސިޓީ އުވާލައިގެން މާލޭގައި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުތައް މަދު ނުކުރެވޭނެ ކަމަށެވެ. ގަރާޖް ސިޓީ އުވާލުމަކީ މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ވެސް އޮތް ހައްލެއް ނޫން ކަމަށެވެ.

މި ބަހުސްގައި އިއްޔެ ވާހަކަ ދެއްކެވި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ގަރާޖް ސިޓީ އުވާލުމަކީ ކުރެވޭނެ އެންމެ ރަނގަޅު ކަންތައް ކަމަށް ވިދާޅުވެފަ އެވެ.