މާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު ބައްދަލުވުމެއްގައި ތިއްބަވަނިކޮށް މީޓިމް ރޫމް ތަޅުލި މައްސަލައިގައި ކޮމިޓީގެ މެމްބަރުންނާއި ބައްދަލު ކުރަން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމައިފި އެވެ.
އެ މައްސަލަ މަޖިލީހުގެ ލަމަރުޒަކީ ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ޑަބްލިއުޑީސީގެ މެމްބަރުން އޮފީހުގައި 45 މިނެޓް ވަންދެން ބަންދުކުރި މައްސަލައިގައި ކޮމިޓީން އެ މެމްބަރުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ މެމްބަރުންނާއި ބައްދަލު ކުރާނީ އަންނަ ހޯމަ ދުވަހުގައި ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން މުގައްރިރު ވިދާޅުވީ މި މައްސަލަ މަޖިލީހުގެ ހިއުމަން ރައިސްޓް ކޮމިޓީއަށް ވެސް ހުށަހަޅާފައިވާ ކަަމަށާއި އެ ކޮމިޓީއިން ވެސް މި މައްސަލަ ބަލަމުންދާ ކަމަށެވެ. އެހެންކަމުން ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައްދަލުކުރާއި ދެ ކޮމިޓީ އެއްކޮށްލާނީތޯ ނުވަތަ ނޫންތޯ މެމްބަރުންގެ ކިބައިން އެއްސެވި އެވެ.
މިކަމާއި ގުޅޭގޮތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެން ހުށަހެޅުއްވީ ލާމަރުކަޒީ ކޮމިޓީން މި މައްސަލަ ބެލުމަށް ފަހުގައި ފާހަގަވާ ކަންތައްތައް ހިއުމަން ރައިސްޓް ކޮމިޓީއާއި ހިއްސާ ކުރުމަށެވެ. ހިސާންގެ ހުށަހެޅުމަށް ގައްދޫ ދާއިރާ މެމްބަރު އަހްމަދު ޒާހިރު ތާއީދުކުރެއްވެވި އެވެ. އަދި ކޮމިޓީގައި މިއަދު ބައިވެރިވި މެމްބަރުންގެ އިއްތިފާގުން އެގޮތަށް ފާސްވީ އެވެ.
މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ނުރަސްމީ ބައްދަލުވުމެއް ކުރިއަށް ގެންދަނިކޮށް މީޓިން ރޫމުގެ ބޭރުން ދޮރު ތަޅުލި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އަންހެން މެމްބަރުން ތުހުމަތު ކުރާގޮތުގައި އެއީ ކައުންސިލުން ގަސްތުގައި ޖެއްސުމަށް ކުރި ކަމެކެވެ.
މިކަމާއި ގުޅޭގޮތުން މެޔަރު މުއިއްޒު ވިދާޅުވީ ދޮރު ތަޅުލެވުނު މައްސަލަ އަކީ ގަސްތުގައި ކުރިކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް އެއީ ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށް ގަބޫލްކުރައްވާ ކަމަށެވެ.