އައްޑޫ ސިޓީ

އިނގިރޭސިވިލާތުގެ ސްޓޭޓް މިނިސްޓަރު އައްޑޫއަށް ވަޑައިގެންފި

Feb 17, 2022
1

އިނގިރޭސިވިލާތުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ، ދަ ޔޫއެން އެންޑް ދަ ކޮމަންވެލްތު ލޯޑު ތޯރިގު އަހްމަދު ރާއްޖެއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އައްޑޫ ސިޓީ އަށް ވަޑައިގެންފި އެވެ.

ތޯރިގު އައްޑޫ އަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ކެރޮން ރޮސްލާ ވެސް އައްޑޫ އަށް ވަޑައިގެންނެވި އެވެ.

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ތޯރިގަށް މަރުހަބާ ދެންނެވީ ސިޓީ ކައުންސިލްގެ ކައުންސިލަރުންނާއި އައްޑޫ އަށް ނިސްބަތްވާ މަޖިލިސް މެންބަރުންނެވެ.

ތޯރިގުގެ މިދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވާނެ އެވެ އަދި އައްޑޫގައި އިނގިރޭސީން ކުރިން އުޅުނު ތާރީހީ ތަންތަނަށް ޒިޔާރާތް ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

އިނގިރޭސީން ރާއްޖޭގައި ކުރިން ތިބިއިރު އެމީހުންގެ އަސްކަރީ ބޭސް ހަދާފައި ހުރީ ގަމުގަ އެވެ.

ތޯރިގު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ވަނީ ބައްދަލުކުރައްވާފަ އެވެ.

މިނިސްޓަރު މާރިޔާ ވަނީ މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖެއާއި އިނގިރޭސީންގެ ގުޅުން އިތުރަށް ވަރުގަދަވެގެން ގޮސްފައިވާ ކަމަށް ތޯރިގާ އެކު ބޭއްވުނު ބައްދަލުވުމުގައި ފާހަގަކުރައްވާފަ އެވެ. ސަލާމަތީ އަދި ދިފާއީ ކަންކަމުގައި އިނގިރޭސިވިލާތުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވާ މިބައްދަލުވުމުގައި މާރިޔާ ޝުކުރުވެސް އަދާކުރެއްވި އެވެެ.

ދިވެހި ސިފައިން އިނގިރޭސިވިލާތުގައި ތަމްރީންވުން މެދުކެނޑިފައި އޮންނަތާ 10 އަހަރު ފަހުން އަލުން އެ ފުުރުސަތު ދީފައިވާތީ އެކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ. އިނގިރޭސިވިލާތުގައި ކުރިން ތަމްރީންވި ދިވެހި ސިފައިން މިއަދު އެމްއެންޑީއެފްގެ އިސް މަގާމުތަކެއްގައި ތިބެ އެ ތަމްރީންތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ސިފައިންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި މިބައްދަލުވުމުގައި ތޯރިގު އަހްމަދު ވިދާޅުވީ ރާއްޖެއިން އެހީތެރިކަން ބޭނުންވާ ދާއިރާތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

ތޯރިގަކީ 2018 ވަނަ އަހަރުގެ ފަހުން ރާއްޖެއަށް ވަޑައިގެންނެވި އިނގިރޭސިވިލާތުގެ އެންމެ އިސް އޮފިޝަލެވެ. އޭނާ ރާއްޖެ ވަޑައިގަތީ މިދިޔަ އަންގާރަ ދުވަހު އެވެ.