އޭޑިކޭ ހޮސްޕިޓަލް

އޯޕަން ހާޓް ސާޖަރީ ނަހަދާ ހިތުގެ ވޭލެއް ރާއްޖޭގައި ބަދަލުކޮށްފި

އޯޕަން ހާޓް ސާޖަރީ ނަހަދާ، ހިތުގެ ވޭލެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮށްފި އެވެ.

އޭޑީކޭ ހޮސްޕިޓަލްގައި މި ޕްރޮސީޖާ ކުރިއަށް ގެންގޮސްފައި ވަނީ 81 އަހަރުގެ ދިވެހި ފިރިހެނެއްގެ އެވެ. އޭނާގެ ހިތުގެ ވޭލެއް ރަނގަޅަށް މަަސައްކަތް ނުކުރާތީ ޓްރާންސް- އަޔޯޓިކް ވޭލް އިމްޕްލާންޓޭޝަން (ޓަވީ) ޕްރޮސީޖާ ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު އަަވަސް އަށް ވިދާޅުވީ މި ޕޮރޮސީޖާ ކުރިއަށް ގެންދަން ނިންމީ ބަލިމީހާއަކީ ވަރަށް ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ މީހަކަށް ވެފައި އަދި އުމުރުން ދުވަސްވީ މީހަަކަށް ވެސް ވާތީ އޯޕަން ހާޓް ސާޖަރީއެއް ކުރުމަށް ވުރެ މިގޮތް މާބޮޑަށް ވެސް ރައްކާތެރިވާނެތީ ކަމަށެެެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއީ މި ސަރަހައްދުގެ ގައުމުތަކުގައި ވެސް ވަރަށް މަދުން ކުރާ ޕްރޮސީޖާއެއް ކަމަށެވެ.

"މި ސަރަހައްދުންވެސް އަޅުގަނޑުމެންނަށް އެނގިފައި އޮތީ އިންޑިއާ އަދި ބަންގްލަދޭޝްގައި. ދެން އަޅުގަނޑުމެން މި ޕްރޮސީޖާ ހެދީ ދުނިޔޭގެ އެންމެ ޒަމާނީ ޓެކްނޮލަޖީ ބޭނުންކޮށްގެން" އައްފާލު ވިދާޅުވި އެވެ.

މި ޕްރޮސީޖާގައި ހިތުގެ ތެރެއަށް ޑިވައިސް ލެއްވީ ފައިވަޅުން ހޮޅިއެއް ލައްވައިގެން ހިތާއި ހަމަޔަށް ގެންގޮސްގެންނެވެ.

މި ބޮޑު ޕްރޮސީޖާ ހެދިއިރު ހުރިހާ ހަރަދެއް އާސަންދައިން ކަވަރު ނުކުރެ އެވެ. އެހެންވެ ބައެއް ހަރަދުތަކަށް އެންސްޕާއިން ފައިސާ ދޫކޮށްފައިވެ އެވެ.

މި ޕްރޮސީޖާ ކުރިއަށް ގެންގޮސްފައިވަނީ އެއް ކާޑިއޮލޮޖިސްޓާއި އަދި ދެ ކާޑިއޯ ސާޖަނުންނެވެ. އޭގެ ތޭރޭގައި ރާއްޖޭގެ ކާޑިއޯ ތޮރަސިކް އެންޑް ވެސްކިއުލާ ސާޖަން ޑރ. މުހައްމަދު ޝާފިއު ހިމެނެ އެވެ.

ހިތުގެ ބަލިތަކަށް އޭޑީކޭގައި އެންމެ ޒަމާނީ ކެތު ލެބެއް ގާއިމުކޮށްފައިވާއިރު ރާއްޖޭގައި އެންމެ ފުރަތަމަ އޯޕަން ހާޓް ސާޖަރީ ކުރީ ވެސް އޭޑީކޭގައި 2018 ވަނަ އަހަރު އެވެ.