ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދަށް ދިން ހަމަލާ އިދިކޮޅު ކުށްވެރިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާ ކުށްވެރިކޮށް އަވަސް ތަހުގީގެއް ހިންގުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ގެކޮޅު ކައިރިން ކާރުކޮޅަށް އެމަނިކުފާނު އަރާވަޑައިގަންނަވަނިކޮށް އެ ސަރަހައްދުގައި ކާރުކޮޅު ކައިރިން އެއްޗެއްް ގޮވާ އެމަނިކުފާނަށް އަނިޔާ ލިބިވަޑައިގެންނެވި ހަބަރު ކޯލިޝަންގެ ފަރާތުން އެހީ ކުއްލި ހައިރާންކަމާއި އަސަރާ އެކު ކަމަށެވެ.

އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާ އަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާ ކުރާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާގެ ހަގީގަތް ހޯދުމަށް އަވަސް ތަހުގީގެއް ހިންގުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލާފަ އެވެ. އަދި ހަމަ އެއާއެކު ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީނާއި، ކޯލިޝަންގެ ލީޑަޝިޕާއި، ކައުންސިލާއި ސްޓިއަރިން ކޮމިޓީތަކާއި އާންމު މެންބަރުންގެ ފަރާތުން ހަމްދަރުދީ ފާޅުކޮށް ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިވެސް ކޮށްފައިވެ އެވެ.

އަދި އެ އަމަލު ރާވާ ހިންގުމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތައް ހޯދާ ގާނޫނުގެ ކުރިމައްޗަށް ގެނެސް ގާނޫނުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް ގޮވާލަމެވެ،" ޕީޕީއެމްގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ އިދިކޮޅު ފަރާތްތަކުން ކުށްވެރިކޮށްފައިވާއިރު އެމަނިކުފާނު މިވަގުތު އޮންނެވީ އޭޑީކޭގަ އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް މިވަގުތު ހުންނެވީ އޭޑީކޭގަ އެވެ.