ނަޝީދަށް އަމާޒު ކުރި ހަމަލަ

ތިން ބާރުގެ ވެރިންނަށް އިންކުއަރީ ރިޕޯޓް އަރުވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި މަޖިލީހުން ތައްޔާރު ކޮށްފައިވާ އިންކުއަރީ ރިޕޯޓް ދައުލަތުގެ ތިން ބާރުގެ ވެރިންނަށް އަރުވައިފި އެވެ.

އިންކުއަރީ ރިޕޯޓް ދައުލަތުގެ ތިން ބާރު، ރައީސުލްޖުމްހޫރިއްޔާ އަށާއި، މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަ ފަނޑިޔާރަށް އަރުވާފައި ވަނީ މިއަދު އެވެ.

ރައީސް ނަޝީދަށް ރިޕޯޓް އެރުވުމަށް މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ސޯލިހަށާއި އުއްތަމަ ފަނޑިޔާރަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. ރިޕޯޓާ ގުޅިގެން ރައީސް ވިދާޅުވީ އެ ރިޕޯޓްގައިވާ ކަންކަން ތަންފީޒު ކުރައްވަމުން ގެންދަވާ ކަމަށް ކަމަށެވެ.

"ކޮމެޓީގެ ރިޕޯޓް ރައީސް ސޯލިހަށް އަރުވައިފިން. ރިޕޯޓްގައިވާ ކަންކަން ތަންފީޒު ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވި." މެމްބަރު އަސްލަމް

އިންކުއަރީ ރިޕޯޓް ރައީސް ނަޝީދަށް އެރުއްވުމުން، އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ބަލަން ޖެހޭނެ ކަމަށެވެ. އަދި ރިޕޯޓް އެކުލަވާލައިވާ ގޮތުގެ މައްޗަށް ތާއީދުވެސް ކުރެއްވި އެވެ.

މަޖިލީހުގެ އިންކުއަރީ ރިޕޯޓް އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ އިރުއޮއްސެނިކޮށެވެ. އާންމުކޮށްފައިވާ ރިޕޯޓްގައި ވަނީ ބައެއް ބައިތައް ކަނޑާލާފަ އެވެ. ނަމަވެސް ސެންސަރު ނުކުރާ ނުވަތަ އެއްވެސް ބައެއް ނުކަނޑާ އޮތް ފުރިހަމަ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާ އަށާއި، މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަ ފަނޑިޔާރަށް ފޮނުވާނެ ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފަ އެވެ.

މަޖިލީހުގެ އިންކުއަރީ ރިޕޯޓްގައި ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެމަނިކުފާނާ މެދު ކަންތައްތައް ދިމާވަމުން ދިޔަ ގޮތާއި، ހަމަލާ ދިން ދުވަހު ކަންކަން ހިނގާދިޔަ ގޮތާއި، ހަމަލާގެ ފަހުން ކަންކަންވީ ގޮތް ވަރަށް ތަފްސީލްކޮށް ހިމަނާފައިވެ އެވެ. އަދި ރައީސް ނަޝީދަށް ހަމަލާދިނުމަށް މަގުފަހިވުމުގައި ދައުލަތުގެ ކަމާ ގުޅުންހުރި އިސްވެރިންނާއި އިދާރާތަކުގެ އިހްމާލު އޮތް މިންވަރު ވެސް ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން 271 ސަފްހާގެ މި ރިޕޯޓްގެ 12 ވަނަ ނަންބަރު ހާއްސަކޮށްފައިވަނީ މަޖިލީހުން ހުށަހަޅާ ރިކޮމެންޑޭޝަން ނުވަތަ ހުށަހެޅުންތަކަށެވެ. އެގޮތުން ރިކޮމެންޑޭޝަންތައް ތިން ބަޔަކަށް ބަހާލާފައިވާއިރު ފުރަތަމަ ބައިގައި ހުރީ ޓެރަރިޒަމް އަދި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތާ ގުޅޭ ރިކޮމެންޑޭޝަންތަކެވެ. މިބައިގައި 29 ހުށަހެޅުމެއްވެ އެވެ. ދެވަނަ ބައިގައި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ރެކޮމެންޑޭޝަންތައް ހުރިއިރު މިބައިގައި ހަ ހުށަހެޅުމެއްވެ އެވެ. ތިންވަނަ ބައިގައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ ރިކޮމެންޑޭޝަންތަކެވެ. މިބައިގައި ވަނީ 10 ހުށަހެޅުމެކެވެ.