ނަޝީދަށް އަމާޒު ކުރި ހަމަލަ

މައްސަލައިގެ އަސްލު ގެއްލޭ ހިސާބަށް އެބަދޭ: ރައީސް

މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ވަށައިގެން ހުރި ކަންތައްތަކަށް އަމާޒުކޮށް ދެކެވެމުންދާ ތަފާތު ވާހަކަތަކާއި ގުޅިގެން މުޅި މައްސަލައިގެ އަސްލު ގެއްލޭ ހިސާބަށް ގޮސްފައިވާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ އާއިލާގެ ބައެއް ބޭފުޅުންނާއި އެމްޑީޕީގެ ބައެއް މެންބަރުންވެސް ގެންދަނީ ތަފާތު ވާހަކަތައް ދައްކަވަމުންނެވެ.

ތަހުގީގުގެ ސްޕީޑާމެދު ފާޑުކިޔުން އޮތްއިރު ހަމަލާ އަމާޒުކުރެވުނީ އިހުމާލުވުމުގެ ސަބަބުން ކަމަށްވެސް ތުހުމަތު ކުރަމުންދެ އެވެ. ރައީސް ނަޝީދުގެ ދަރިކަނބަލުންނާއި އާއިލާގެ ބައެއް ބޭފުޅުން ވަނީ ސަރުކާރުގެ ބައެއް ވެރިންނަށް ފާޅުގައި ތުހުމަތުގެ އިނގިލި ދިއްކުރައްވާ ވާހަކަދައްކަވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ މެއި ހައެއްގެ ހަމަލާއަކީ ވަރަށް ނުރައްކާތެރި އަދި އެހާމެ ބިރުވެރި ހަމަލާއެއް ކަމަށާ އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ޓެރަރިސްޓް ހަމަލާގެ ވަށައިގެން ހުރި ކަންތައްތަކަށް އަމާޒުކޮށް ދެކެވެމުންދާ ތަފާތު ވާހަކަތަކާއި ގުޅިގެން މުޅި މައްސަލައިގެ އަސްލު ގެއްލޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެގޮތަށް އެކަން ނުކުރެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު ހިތުން އޭގެ [ޓެރަރިސްޓް ހަމަލާ] ވަށައިގެން ހުރި ކަންތައްތަކަށް އަމާޒުކޮށްގެން އެކި ދިމަދިމާލުން ވާހަކަ ދައްކަމުން ގޮސް މުޅި މައްސަލައިގެ އަސްލު ގެއްލޭ ހިސާބަށް މިހާރު އެބަދޭ. އެެހެން ނުހެއްދެވުން ހުރިހާ ބޭފުޅުންގެ އަރިހުން އަޅުގަނޑު އެދެން. އަޅުގަނޑުމެން އެންމެންގެ އަމާޒަކަށް ވާންވީ ރާއްޖޭގައި އެފަދަ ކަންތައްތައް ހިނގިދިޔަ ނުދިނުމަށް އެންމެން އެކީގައި ކުރެވެން ހުރި މަސައްކަތްތަކެއް ކުރުން. ކާކުތޯ އެކަމެއް ކުރީ، ކޮން ބައެއް ބުނެގެންތޯ އަދި އޭގައި ފައިސާ އެކުލެވޭތޯ ނޫނިއްޔާ އަދި އެހެން ބަޔަކު އެހެން މަގުސަދެއްގައި ކޮށްފައި އޮތް ކަމެއްތޯ ބަލާ އެކަން ހޯދާ މުޅި ގައުމު އެކަމުން ސަލާމަތް ކުރުމަށް ކުރަންހުރި ކަންތައްތައް އަޅުގަނޑުމެން ކުރުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހަމަލާގެ އެންމެ ފުންމިނަށް ދިއުމަށް މަސައްކަތް ކުރަމުންދާއިރު ބައެއް ދިމަދިމާލުން ފެންނަނީ އޭގެން ނެއްޓި މުޅިން އެހެން ދިމާލަކަށް ދަތުރުކުރާ މަންޒަރެވެ. އެެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުންދިޔަ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ކުރިއަށް ގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން އެންގުމުގެ ފަހަތުގައި ހުންނެވީ ރައީސް ސޯލިހް ކަމަށް ރައީސް ނަޝީދު ވިދާޅުވާތީ އެކަމަށްވެސް އެމަނިކުފާނު ރައްދު ދެއްވި އެވެ.

ރަައީސް ސޯލިހް ވިދާޅުވީ މަޖިލީހުގެ އިންކުއަރީ 241 ކޮމިޓީން ކަނޑައަޅާފައިވާ ގޮތަށް ކުރިއަށްދާ ކަމަށާ އެކަން އެ ކޮމިޓީގެ މުގައްރިރު އިއްޔެވެސް ޔަގީން ކޮށްދެއްވި ކަމަށެވެ. އަދި ކޮމިޓީއަށް ސަރުކާރާއި އެމަނިކުފާނުގެ ނުފޫޒެއް ނެތް ކަމަށް މުގައްރިރު ވިދާޅުވި ކަންވެސް ފާހަގަކުރެއްވި އެވެ.

އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުނުވާން ނިންމި ނިންމުމަކީ ސިފައިންގެ ގާނޫނާއި އެއްގޮތަށް އެ މުއައްސަސާއިން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި އިންކުއަރީ އަށް އެމަނިކުފާނު ހުރަސް ނާޅުއްވާ ކަމަށާ ރައީސް ނަޝީދަށް އެކަން އެނގިވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެއަށް [ޕާލިމަންޓަރީ އިންކުއަރީ] އަށް ހުރަސް ނާޅުއްވާނެކަން. އެމަނިކުފާނު އެހެން ވިދާޅުވެފައި އޮތް ނަމަވެސް،" ރައީސް ވިދާޅުވި އެވެ.