ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ޒަހަމްތައް ފެންނަ ފޮޓޯތަކެއް ފުރަތަމަ ފަހަރަށް އާންމުކޮށްފި އެވެ.
ޓްވިޓާގައި މި ފޮޓޯތައް އާންމުކުރެއްވީ ރައީސް ނަޝީދުގެ އެއްބަނޑު އެއްބަފާ ބޭބެ ޑރ. އިބްރާހީމް ނާޝިދު އެވެ.
ޑރ. ނާޝިދު ވިދާޅުވީ ފޮޓޯތައް އާންމުކުރެއްވީ ރައީސް ނަޝީދު އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ. ރައީސް ނަޝީދަށް ލިބުނީ ސީރިއަސް ޒަހަމްތަކެއް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުން ހިންގަވާފައި ވަޑައިގެން މަޖިީދީ މަގުގައި އޮތް ކާރުކޮޅަށް އާރަވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. އެމަނިކުފާނަށް އަމާޒުކޮށް ގޮއްވާލި އައިއީޑީ ހަރުކޮށްފައި އިނީ ނީލޯފަރު ހިނގުމާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގަ އެވެ.
ހަމަލައާއި ގުޅިގެން ކުޑައިރުކޮޅެއްގެ ތެރޭގައި އެމަނިކުފާނު އޭޑީކޭ އަށް ގެންގޮސް ފަރުވާ ދޭން ފެށި އެވެ. އޭގެ ފަހުން އެއް ހަފްތާ ވަންދެން އޭޑީކޭގައި ރައީސް ނަޝީދަށް ފަރުވާ ދިނުމަށްފަހު މިދިޔަ ހުކުރު ދުވަހު އެމަނިކުފާނު ވަނީ އިތުރު ފަރުވާ އަށް ޖަރުމަނަށް ގެންގޮސްފަ އެވެ.
އޭޑީކޭ އަށް ރައީސް ނަޝީދު ގެންދެވުނު ރޭ އޮޕަރޭޝަން ތިއޭޓަރުގައި 16 ގަޑިއިރު ވަންދެން އެމަނިކުފާނު ބާއްވައިގެން ތަފާތު އެކި ސާޖަރީތައް ހަދާފައިވެ އެވެ.
މިއަދު އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ނަޝީދުގެ ބަނޑުގެ ބޮޑު ބައެއް ވަނީ މެޔާ ހަމައަށް ފަޅާލާފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ރައީސް ނަޝީދަށް ބޮޑަށް އަނިޔާވެފައިވަނީ އެމަނިކުފާނުގެ ކުރިމަތިން ވައަތު ފަޅި އަށެވެ.
ރައީސް ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އައިއީޑީގެ ބާރުގަދަ ކުރަން ބޭނުންކޮށްފައި ހުރި ބައެއް ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިގަނޑުގެ އެތެރެއަށް ވަދެ ގޮހޮރަށް ގެއްލުންތަކެއް ލިބިފައިވެ އެވެ. އަދި އެތަނުން އެއް ރޭޒަ ފުށް ހިތާ ވަރަށް ގާތަށް ގޮސްފައި އިން ކަމަށާއި ހިތަށް ގެއްްލުންވި ނަމަ ފުރާނައަށް އަސަރުކުރާނެ ކަމުގައިވެސް ޑޮކްޓަރުން ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދަށް އޭޑީކޭގެ ޑޮކްޓަރުން ދީފައިވާ ފަރުވާއާއި ބެހެއްޓެވި ގާތްކަމަށްޓަކައި އާއިލާ އިން ވަނީ އޭޑީކޭގެ މެނޭޖްމަންޓާއި ޑޮކްޓަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.