ހަބަރު

އިތުރު ފަރުވާއަށް ޝިޔާމް ބޭރަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް ދީފި

މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހިނގައިދިޔަ ހަމަނުޖެެހުންތަކުގެ ތެރެއިން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ޖެހިދާނެ ކަމުގެ އިޝާރާތެއް އޭނާ ދެއްވައިފި އެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ބޭއްވި އެ ޖަލްސާގައި ރިޔާސަތުން ޝިޔާމްގެ ނަން އިއްވި އެވެ. އެކަމަކު ތަޅުން ދޫކުރައްވައި ވަޑައިގަންނަވަން އޭނާ ދެކޮޅު ހެއްދެވި އެވެ. އޭނާ ތަޅުމުން ނެރުނީ އެމްޑީޕީގެ މެންބަރުން އޭނާ ވަށާލައި "ހިފައިގަނެގެން" ގެންގޮހެވެ. އެކަމުގެ ތެރޭގައި ޝިޔާމަށް އަނިޔާވުމުން ފުލުހަށް ވަޑައިގެން މައްސަލަ ރިޕޯޓް ކުރުމަށް ފަހު، ހަމަ އެ ރޭ އޭޑީކޭއިން ފަރުވާ ހޯއްދެވި އެވެ.

މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ޝިޔާމް މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާ ލިބި، މައިބަދައިގެ ތިރީބަދައެއް ކޮންމެ ވެސް ވަރަކަށް އެތެރެއަށް ޖެހި ބަދައިގެ ރެނދުލާ، މޭކަށިގަނޑަށް ވެސް އަނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ކޮށްފައިވާ ޓެސްޓްތަކުން ހާމަވެފައިވާ ކަމަށެވެ.

އެ ބަޔާނުގައި ޝިޔާމް ވިދާޅުވެފައިވާ ގޮތުން، މިހާރުގެ ހާލަތުގައި ހިނގާ ބިނގާވެ އޫޅުމަށް ވެސް އޭނާއަށް ދައްޗެވެ. ސިއްހީ އިތުރު މައްސަލަތަކެއް ވެސް ކުރިމަތިވަމުން ދާތީ އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް ލިބިފައިވާތީ އެ ކަމަށް ތައްޔާރުވަމުން ގެންދަވާާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އަނިޔާތަކުން ފަރުވާ ލިބުނުހާ އަވަހަކަށް މަޖިލީހުގެ މަސައްކަތަކާ އަލުން ހަވާލުވެ، ގާނޫނު އަސާސީން މަޖިލީހުގެ މެންބަރަކަށް ލާޒިމުކޮށްފައިވާ ޒިންމާތަކަށް އަދާ ކުރުމާ ދެމިހުންނަވާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށެވެ.

ޝިޔާމަށް އަނިޔާވުމާ ގުޅިގެން އޭނާގެ އުފަން ރަށް، ޅ. ނައިފަރުގައި ޝިޔާމާއި ޕީޕީއެމްގެ ސަޕޯޓަރުން މުޒާހަރާ ވެސް ކޮށްފައިވެ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ ޝިޔާމަށް އަނިޔާ ކުރި މަޖިލީހުގެ މެންބަރުންނަށާއި މަޖިލީހުގެ ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.

ޝިޔާމް މިއަދު ނެރުނު ބަޔާނުގައި ވަނީ އޭނާއަށް އަނިޔާވުމުން އޭޑީކޭއަށް ގެންގޮސް ފަރުވާ ހޯދައިދިނުމުގައި އޭހީތެރިވި ޕީޕީއެމް-ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންނަށާއި އެ ކޯލިޝަންގެ ލީޑާޝިޕަށާއި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އޭނާގެ ދިފާއުގައި ނައިފަރުގައި އިހުތިޖާޖު ކުރި މީހުނަށާއި ޕީޕީއެމްގެ ހުރިހާ ސަޕޯޓަރުންނަށް ވެސް ޝުކުރު އަދާ ކުރެއްވި އެވެ.

ޝިޔާމާއި އިދިކޮޅު ކޯލިޝަނުން ތުހުމަތު ކުރަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިގެން އެމްޑީޕީގެ މެންބަރުން އޭނާއަށް އަނިޔާ ކުރެއްވީ ކަމަށެވެ. އެ ކަމާ ގުޅިގެން ފުލުހަށް ހުށަހެޅި މައްސަލަ ބަލާނެ ކަމަށް ފުލުހުން ބަލާނެ ކަމަށް ބުނެފައިވާއިރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް އެހެން ވިދާޅުވެފައިވެ އެވެ.