ރައްޔިތުންގެ މަޖިލިސް

ނަޝީދަށް ފަރުވާ ދިން ޑޮކްޓަރުން އިންކުއަރީއަށް ހާޒިރުކުރަނީ

Jun 23, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެއްވި ޑޮކްޓަރުންގެ ޓީމާ ބައްދަލުކުރަން މަޖިލީހުގެ އިންކުއަރީ ކުރިއަށް ގެންދާ 241 ކޮމިޓީން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މިކަން ހާމަކުރެއްވީ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އަސްލަމް ވިދާޅުވީ ރައީސް ނަޝީދަށް ފަރުވާ ދިން އޭޑީކޭގައި ޑޮކްޓަރުންގެ ޓީމާ ބައްދަލުކުރަން ކޮމިޓީން ބޭނުންވާތީ ވަގުތެއް ހަމަޖައްސަވައި ދެއްވުމަށް އެދިފައިވާނެ ކަމަށެވެ.

އޭޑީކޭގެ ޑޮކްޓަރުންނާ ބައްދަލުކުރަނީ އިންކުއަރީގެ ރިޕޯޓްގައި ހަމަލާއާއި ގުޅުންހުރި މައުލޫމާތު ވީހާވެސް ތަފްސީލްކޮށް އަދި އެކަމަކާ ގުޅުންހުރި ބޭފުޅުންގެ މައުލޫމާތު ހިމަނައިގެން ރިޕޯޓް އެކުލަވާލަން ބޭނުންވާތީ ކަމަށެވެ.

"އަޅުގަނޑުމެން އެބޭފުޅުންނާ ބައްދަލުކުރަނީ އެބޭފުޅުންނަށް ތުހުމަތެއް ކުރެވިގެން ނޫން. ރައީސް ނަޝީދަށް ފަރުވާ ދެއްވުމަށް ޑޮކްޓަރުން ކުރެއްވި މަސައްކަތްތަކަށް އަޅުގަނޑުމެން ޝުކުރުވެސް އަދާކުރަން،" އަސްލަމް ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މެއި ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު އޭޑީކޭ އަށް ގެންދިއުމުން އެތަނުގެ ޑޮކްޓަރުން އަމަލުކުރެއްވި ގޮތް އަދި ރައީސް ނަޝީދަށް ހިދުމަތް ދެއްވި ގޮތް ފާހަގަކުރައްވާ ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާ އިން ވެސް މީގެކުރިން ވަނީ ޑޮކްޓަރުންގެ ޓީމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް ނަޝީދަށް ލިބުނު ޒަހަމް ތަކާއި ގުޅިގެން އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން 16 ގަޑިއިރު ހޭދަކުރައްވައިގެން އެމަނިކުފާނުގެ ކާމިޔާބު ސާޖަރީތަކެއް ވަނީ ހަދާފަ އެވެ.

އޭޑީކޭގެ ޑޮކްޓަރުން މީގެކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް އަވަސް ފަރުވާ ނުލިބުނު ނަމަ ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

އަސްލަމް މިއަދު އިތުރަށް ވިދާޅުވީ އިންކުއަރީގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާތީ ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކޮމިޓީން ފަށާފައިވާ ކަމަށެވެ.