ރައްޔިތުންގެ މަޖިލިސް

ހަމަލާގެ އިންކުއަރީ ރިޕޯޓް އަންނަ ހަފްތާ ނިމޭނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީގެ ރިޕޯޓު އެކުލަވައިލަން ފަށައިފައިވާ ކަމަށާއި ރިޕޯޓުގެ މަސައްކަތް އަންނަ ހަފްތާ ނިންމައިލެވޭނެ ކަމަށް ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ އިންކުއަރީގެ ރިޕޯޓު މިއަދަށް ނިންމަން ކުރިން މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް ކޮމިޓީގެ މެންބަރުންނަށް އަދި އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

އިއްޔެއިން ފެށިގެން ރިޕޯޓު އެކުލަވައިލުމުގެ މަސައްކަތް ފަށައިފައިވާ ކަމަށާއި އަންނަ ހަފްތާ ނިންމައިލުމަށްފަހު އާންމު ކުރާނެ ކަމުގެ ޔަގީންކަން ވެސް އަސްލަމް ވަނީ ދެއްވާފަ އެވެ.

އަސްލަމް ވިދާޅުވީ ރިޕޯޓު އޮންނާނެ ގޮތުގެ އޮނިގަނޑު ވެސް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އޮނިގަނޑަށް އިތުރު ބަދަލުތަކެއް ގެންނަން ޖެހޭތޯ ބެލުމަށް ކޮމިޓީގައި މަޝްވަރާ ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"މި އިންކުއަރީ ނިމިގެންދާއިރު ކޮމެޓީއިން ސާފުކުރަން ޖެހޭ އެއްވެސް މައުލޫމާތެއް ކޮމެޓީއިން ސާފުނުކޮށް ދޫކޮށްނުލާނެ ކަމުގައި ދަންނަވަން. މިކަމާ ގުޅިގެން އެކުލަވާލާ ރިޕޯޓަކީ އިންސާފުވެރި ދެފުށް ފެންނަ ރިޕޯޓަކަށް ވާނެކަމުގެ ޔަގީންކަން އަރުވަން."

އަސްލަމް ވިދާޅުވީ މި އިންކުއަރީއަށް ބޭނުންވާ ވަރަށް ގިނަ މައުލޫމާތު މިހާތަނަށް އެއްކުރެވިފައިވާ ކަމަށެވެ. އެކަމަކު އިންކުއަރީ އަށް ބޭނުންވާ މިންވަރަށް މައުލޫމާތު ލިބުނު ކަމަށް ދަންނަވަން އަދި ދަތި ކަމަށާއި ނަމަވެސް ހުރިހާ އިދާރާއަކުން ވެސް ވަރަށް ފުރިހަމައަށް އެއްބާރުލުން ދޭ ކަމަށެވެ. ތަހުގީގީ އިދާރާތަކަށް ބޭނުންވާ މައުލޫމާތެއް ލިބިއްޖެނަމަ އެ އިދާރާތަކާ އެ މައުލޫމާތުތައް ހިއްސާކުރުމާ މެދު މިހާރު މަޝްވަރާ ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

އިންކުއަރީއަށް ލިބޭ މައުލޫމާތުތަކަށް ބަލާއިރު އެއްވެސް ފަރާތަކުން ރައީސް ނަޝީދަށް ސެކިއުރިޓީ ދިނުމުގައި އިހުމާލުވެފައިވާނަމަ އެކަން ހާމަވެގެން ދާނީ އާންމުކުރާ ރިޕޯޓުން ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ. އިންކުއަރީ އަށް ލިބޭ ބައެއް މައުލޫމާތުތަކުގެ ތެރޭގައި އާންމު ނުކުރެވޭނެ ކަންކަން ހުނާނެ ކަމަށާއި މިސާލަކަށް ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތަކަށް ވާނަމަ އެކަންކަން ރިޕޯޓުގައި ނުހިމެނޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ފުރަތަމަ ލިޔާ ރިޕޯޓުގައި ހުރިހާ ކަމެއް ލިޔާނެ. އާންމުކުރާ ރިޕޯޓުގައި ނުހިމެނޭނެ ކަންތައްތަކެއް ހުރިނަމަ އެކަންކަން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުން މަޖިލީހުގެ ރައީސާއި އަދި އުއްތަމަފަނޑިޔާރާ އަޅުގަނޑުމެން އެކަންކަން ހިއްސާކުރުމަށް ވާހަކަދެކެވެނީ އަދި އެކަމަށް ގޮތެއް ނުނިމޭ."

އަސްލަމް ވިދާޅުވީ މިހާތަނަށް 241 ކޮމިޓީން ހިންގާ އިންކުއަރީގައި ސިފައިންގެ 32 އޮފިސަރުންނާއި ފުލުހުންގެ ފަސް ބޭފުޅަކާ ސުވާލު ކުރައްވާފައިވާ ކަމަށެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހިމެނޭހެން ޖުމްލަ 49 ބޭފުޅަކާ މިހާރު ވަނީ ސުވާލުކޮށްފަ އެވެ.

މެއި ހައެއްގެ ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާފައިވާ ހާއްސަ މަންދޫބު އައްބާސް ފާއިޒާ ކޮމިޓީން މިއަދު ބައްދަލުކުރުމަށް ނިންމާފައިވާ ކަމަށްވެސް އަސްލަމް ވަނީ މައުލޫމާތު ދެއްވާފަ އެވެ. މީގެ އިތުރުން އޭޑީކޭއިން ރައީސް ނަޝީދަށް ފަރުވާ ދިން ޑޮކްޓަރުންގެ ޓީމާ ކޮމިޓީ ބައްދަލުކުރަން ވެސް ވަނީ ނިންމާފަ އެވެ.