ނަޝީދަށް އަމާޒު ކުރި ހަމަލަ

ހަމަލާގެ ހަގީގަތް ހޯދަން އެންމެ ފުނަށް ދާނަން: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ހަގީގަތް ހޯދުމަށް އެންމެ ފުނަށް ދަތުރުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ގައުމު ބައިބައިކޮށް ހަލާކު ކޮށްލުމަށް ހިންގާ ހަރަކާތްތަކާ ދެކޮޅަށް ގައުމެއްގެ ގޮތުގައި އެންމެން ތެދުވަން ޖެހޭ ކަމަށެވެ.

އަސްލަމް ވިދާޅުވީ ހައްދުފަހަނަ އެޅުމުގެ އަމަލުތަކާ ދެކޮޅަށް އެންމެން ގުޅިގެން ތެދުވާން ޖެހެނީ ސިޔާސީ ޕާޓީއަކަށްޓަކައި ނޫން ކަމަށެވެ. އެކަން ކުރަން ޖެހެނީ އަންނަން އޮތް ޖީލްތަކަށްޓަކައި ކަމަށެވެ.

"241 ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ބޮމުގެ މިހަމަލާގެ ހަގީގަތް ހޯދުމަށް އެންމެ ފުނަށް ދާނެ ކަމުގެ ޔަގީންކަން ދެން،" އަސްލަމް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައިވާ ބޭފުޅުންނަށް ހިމާޔަތާއި ރައްކާތެރިކަން ހަމަޖައްސައި ދޭން ވާނެ ކަމަށް ކުރީގެ ރައީސުންނަށް ރައްކާތެރިކަން ދިނުމުގެ ގާނޫނުގެ ފަސްވަނަ މާއްދާގައި ބުނެފައިވެ އެވެ. އެކަމަކު އެކަމުގައި އަމަލު ކުރާނެ އުސޫލުތައް ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ލަފާ ސަލާމަތީ ބާރުތަކުން ހޯދަން ޖެހޭނެ ކަމަށް ވެސް ގާނޫނުގައިވެ އެވެ.

ސަލާމަތީ ހިދުމަތްތަކުން ގާނޫނުގައިވާ ގޮތަށް ކޮމިޓީގެ ލަފާ ހޯދާތޯ މީގެ ކުރިން އަވަސް އިން ސުވާލު ކުރުމުން އަސްލަމް ވަނީ އެ ސުވާލަށް ޖަވާބުދާރީވުމަށް އުޒުރުވެރިވެ ވަޑައިގެންފަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިމަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއަށްފަހު ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ މައުލޫމާތު ކޮންމެ 24 ގަޑިއިރަކުން އެއްފަހަރު 241 ކޮމިޓީއާ ހިއްސާ ކުރަމުން ދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ވިދާޅުވެފަ އެވެ. ރައީސް އެ ވިދާޅުވާ ގޮތަށް އެ މައުލޫމާތު ކޮމިޓީއާ ހިއްސާކުރަމުންދާ ކަންވެސް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. އަސްލަމަށް ތަކުރާރުކޮށް ގުޅި ނަމަވެސް ފޯނަކަށް ޖަވާބެއް ވެސް ނުދެއްވަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފައިވެ އެވެ. ނަމަވެސް މިހަމަލާގެ ފަހަތުގައި ތިބޭނީ ހަމައެކަނި އެ ތިން މީހުން ކަމަށް ގަބޫލުކުރައްވަން ދަތިފުޅު ކަމަށް ރައީސް ސޯލިހާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. އެހެންވެ މި ހަމަލާގައި ބައިވެރިވި އެންމެން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ.