ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި އިންޒާރުދިން މައްސަލައާ ގުޅިގެން މިއަދު ބޭއްވި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފި އެެވެ.
މިއަދުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް އެޖެންޑާ ކުރި މައްސަލައަކީ ރައީސް ނަޝީދަށް ސޯޝަލް މީޑިއާގައި އިންޒާރު ދިން މައްސަލައާ ގުޅޭ މައުލޫމާތު ސާފުކުރަން ފުލުހުންގެ ހިދުމަތާ ބައްދަލު ކުރުމެވެ.
ފުލުހުންގެ ފަރާތުން ދެ ބޭފުޅަކު ބައްދަލު ވުމަށް ވަޑައިގެންނެވި އެވެ. އެއީ ޗީފް އިންސްޕެކްޓާ، އޮފްހެޑް އޮފް ސީރިއަސް އޯގަނައިޒްޓް ކްރައިމްސް ފޮލިސް އަބްދުﷲ ރަޝީދާއި ޗީފް އިންސްޕެކްޓާ އޮފް ޓެރަރިޒަމް އިންވެސްޓިގޭޝަން ޔުނިޓް އުސްވަތު އަހުމަދެވެ.
މިއަދު ކޮމިޓީއަށް އެޖެންޑާ ކޮށްފައިވާ މައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އެކެވެ. އެހެންކަމުން ތަހްގީގަށް ބުރޫ އަރާނެ ފަދަ މައުލޫމާތު ފުލުހުން މެމްބަރުންނާއި ހިއްސާ ކުރާނެތީ މަޖިލީހުގެ ބައްދަލުވުން ސިއްރު ކުރުމަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ އެވެ. އަދި އެ ހުށަހެޅުއްވުމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ތާއީދު ކުރެއްވި އެވެ.
މި ހުށަހެޅުމަށް ވޯޓަށް އެހުމުން އެއްވެސް މެމްބަރަކު އިއުތުރާޒު ނުކުރައްވާތީ ބައްދަލުވުން ސިއްރުކުރަން ނިންމީ އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދީގެން ރ. މީދޫން ހައްޔަރުކުރި މީހާ ކޯޓުގެ ހުރުމަތް ކެނޑުމުން ޖަލަށް ލާން މިހާރު ވަނީ ހުކުމް ކޮށްފަ އެވެ.
ފުލުހުން ބުނީ އިންޒާރު ދިން މީހާގެ ބަންދާމެދު ގޮތެއް ނިންމަން ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ކޯޓުގެ ހުުރުމަތް ކަނޑާފައިވާ ކަމަށާއި އޭގެ އަދަބެއްގެ ގޮތު، 15 ދުވަހުގެ ޖަލުގެ ހުކުމެއް ގާޒީ އިއްވާފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ވެސް 15 ދުވަހުގެ މުއްދަތު ޖަހައިދިން ކަމަށެވެ.
އެ މީހާ ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިނީ ފޭސްބުކްގަ އެވެ. އެގޮތުން ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ "ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހަދާލި ގޮތް ހަދާނެ" ކަމަށް އިންޒާރުކޮށް ލިޔެފައި ވެއެެވެ. އަދި "ހައެއް ފަހެއް" ގައި ރައީސް ނަޝީދަށް ދިން ހަމަލާއަށް ވުރެ ވަރުގަދަ ހަމަލާއެއް ދޭނެ ކަަމުގެ އިންޒާރު ވެސް ދީފައި ވެއެވެ.