ރައީސް މުހައްމަދު ނަޝީދު

ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ރައީސް ނަޝީދުގެ ހަށިކޮޅަށް ގެއްލުން ދޭނެ ކަމަށް ސޯޝަލް މީޑިއާގައި ބުނި މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު ކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓެއްގައި އިސްމާއީލް ޔާފިސް ބިން ހާލިދު ކިޔާ މީހަކު ވަނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ "ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދި ގޮތް" ހަދާނެ ކަމަށް ބުނެ އިންޒާރެއް ދީފަ އެވެ. އަދި ދެން ފަހަރަކުން އެއަށްވުރެ ހިތި ވާނެ ކަމަށް ވެސް އޭނާ ވަނީ ޕޯސްޓްކޮށްފަ އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ރ. މީދޫންނެވެ.

ރައީސް މުހައްމަދު ނަޝީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އަދި އެ މަނިކުފާނު އަވަހާރަކޮށްލަން "ހައެއްފަހެއް" ގައި ދިން ހަމަލާގެ ތަހުގީގު ނިންމައިނުލަނީސް ރާއްޖެ ވަޑައިގަންނަން ޖެހެލުންވާ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ މަޖިލީހަށް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ.

ރައީސް ނަޝީދު އެ ސިޓީގައި ވިދާޅުވެފައި ވަނީ ހަމަލާ ރާވާ ހިންގި ފަަރާތުގެ ތަހުގީގު އަދިވެސް ނުނިމޭ ކަަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން އެ ތަހުގީގު ނިމި އެކަމުގައި ބައިވެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ކުރީގައި ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާއާއި އެމަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކާއި އަދި އެމަނިކުފާނުވެސް ޖެހިލުންވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.