ޅ. މަޑިވަރު އެއާޕޯޓަށް ކުރާ ދަތުރުގެ އަގު ބޮޑު ކަމަށް އެ އަތޮޅުގެ ރައްޔިތުން ފާހަގަކޮށްފައިވާތީ އަގުހެޔޮ ކުރެވޭނެ ގޮތެއް ހޯއްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ނައިފަރުގައި މިސަރުކާރުން ތަރައްގީކޮށްފައިވާ 100 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމާ ނައިފަރު ކައުންސިލާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ކުރާ ދަތުރުތަކުގެ ޓިކެޓްތަކުގެ އަގުބޮޑުކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް ވިދާޅުވީ މަޑިވަރު އެއާޕޯޓްގެ ދަތުރުތައް ފެށުމާ އެކު ޅ. އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރު ފަސޭހަވެ، އިގްތިސޯދީ ގޮތުން ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. ނަމަވެސް މަޑިވަރަށް ދަތުރުކުރާ އަގު ބޮޑު ކަމަށް ރައްޔިތުން ފާހަގަކުރަމުންދާ ކަމަށާއި މަޑިވަރު އެއާޕޯޓް ހިންގަމުން ގެންދާ އައިލެންޑް އޭވިއޭޝަނާ ވާހަކަދައްކައިގެން އެކަމަށް ހައްލެއް ހޯއްދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދު މިތަނުގައި ހުރެ ވަކިގޮތެއް ތިބޭފުޅުންނާ ހަމައަށް ހިއްސާކޮށްލަން ދަތި. ނަމަވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު އައިލެންޑް އޭވިއޭޝަނާ އެވާހަކަ ދައްކާ އެކަމަށް ރަނގަޅު ހައްލެއް ގެނައުމުގެ މަސައްކަތް ކޮށްދޭނަން" ރައީސް ވިދާޅުވި އެވެ.
މަޑިވަރަށް ކުރާ ދަތުރެއްގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 1،029 ރުފިޔާ އެވެ. ދެކޮޅު ޓިކެޓްގެ އަގަކީ 2،058 ރުފިޔާ އެވެ.
ސިޓީ ހޮޓަލަކާ އެކު، މަޑިވަރުގައި ރީޖަނަލް އެއާޕޯޓެއް އަޅަން މަޝްހޫރު ޓޫރިޒަމް ކުންފުނި ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކުރީ 29 މެއި 2018 ގައެވެ.
މަޑިވަރު އެއާޕޯޓުގެ މަސައްކަތް ނިންމާ އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. އައިލެންޑް އޭވިއޭޝަނުން މަޑިވަރު އެއާޕޯޓް ހިންގުމާ ހަވާލުވެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އަދި އެއާޕޯޓްގެ ކޮމާޝަލް ދަތުރުތައް ރައީސް ސޯލިހް އިފްތިތާހު ކޮށްދެއްވީ އިއްޔެ މަޑިވަރު އެއާޕޯޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.