މަޑިވަރު

މަޑިވަރު އެއާޕޯޓް އިންޓަނޭޝަނަލް ކުރަން ފައިސާ ހޯދަނީ

Feb 17, 2023

ޅ. މަޑިވަރު އެއާޕޯޓް، އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށްޓަކައި އެ ފެންވަރަށް އެތަން ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ހޯދަން ހުޅުވާލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރެއްގެ ދަށުން ވަނީ ކްރޮސް ސަބްސިޑީ އުސޫލުން މަޑިވަރު އެއާޕޯޓް ބައިނަލްްއަގްވާމީ ފެންވަރަށް ތަރައްގީކުރުމަށް ފައިނޭންސް ހޯދަން ހުޅުވާލާފަ އެވެ.

މި މަޝްރޫއަށް ފައިނޭންސް ކުރެވޭ އެންމެ ކުޑަ އަގަކީ ފަސް މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާ އެވެ.

ކްރޮސް ސަބްސިޑީގެ ދަށުން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ނުވަތަ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގާ މަޝްރޫއުތަކެކެވެ. މިފަދަ މަޝްރޫއުތަކުގައި އެކި ފަހަރު އެކި ގޮތަށް އަމަލުކުރާކަން ފާހަގަކުރެވެ އެވެ.

ސިޓީ ހޮޓަލަކާ އެކު، މަޑިވަރުގައި ރީޖަނަލް އެއާޕޯޓެއް އަޅަން މަޝްހޫރު ޓޫރިޒަމް ކުންފުނި ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކުރީ 29 މެއި 2018 ގައެވެ.

މަޑިވަރު އެއާޕޯޓުގެ މަސައްކަތް ނިންމާ އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސީ ޑިސެމްބަރު 25، 2021 ގައެވެ. އައިލެންޑް އޭވިއޭޝަނުން މަޑިވަރު އެއާޕޯޓް ހިންގުމާ ހަވާލުވެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.

މަޑިވަރުގައި އެއާޕޯޓް ތަރައްގީކޮށްފައިވަނީ 1200 މީޓަރުގެ ރަންވޭއަކާއި، އެއާކްރާފްޓްތައް ޕާކު ކުރާނެ ސަރަޙައްދަކާއި، ފަޔަރ ބިލްޑިންގުގެ އިތުރުން ޒަމާނީ ފެންވަރުގެ ޓާމިނަލެެއް ހިމެނޭ ގޮތަށެވެ.

މަޑިވަރު އެއާޕޯޓްގެ ދަތުރުތައް ރަސްމީކޮށް އިފްތިތާހުކުރުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު އޮތް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ކުރެއްދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މޫސާ (އުއްޗު)ގެ އަމާޒަކީ މަޑިވަރު އެއާޕޯޓް، އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުން ކަމަށާއި އެ މަޝްވަރާތައް މުހައްމަދު މޫސާއާ އެކު ކުރައްވާފައިވާ ކަމަށެވެ. އެމްޓީސީސީއާ ހަވާލުވެފައި ހުރި މަޝްރޫއުތައް ގިނަ ކަމުން އެ ދުވަހު އެކަން ނުފެއްޓުނީ ކަމުގައިވެސް ވިދާޅުވި އެވެ.