ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ފާދިއްޕޮޅުގެ ހަ ރަށަކަށް ކުރެއްވި ދަތުރުފުޅު މިއަދު ނިންމަވާލައްވައިފި އެވެ.
މި ދަތުރު ފުޅުގައި އެމަނިކުފާނު ވަނީ ޅ. މަޑިވަރާއި ހިންނަވަރާއި ފެލިވަރާއި ނައިފަރާއި އޮޅުވެލިފުށްޓާއި ކުރެންދުއަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ރަށްރަށުގެ ރަށްޔިތުންނާއި ރަށުކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައިވެއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ރަށްރަށުގައި ހުރި ސަރުކާރު މުއައްސަސާތަކަށް ޒިޔާރަތްކުރައްވާ އެތަންތަނުގެ ހާލަތު ބައްލަވާލައްވައި ރަށްރަށުގައި ކުރިއަށްދާ ތަރައްގީގެ މަސައްކަތްތައް ބައްލަވާލެއްވިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރީ ސަރުކާރުގެ ދުވަސްވަރު ޅ. މަޑިވަރުގައި ތަރައްގީ ކުރަން ފެށި އެއާޕޯޓް ރަސްމީ ގޮތުން ހުޅުވައިދެއްވާފައެވެ. މަޑިވަރު އެއަޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގައި އެއްރަށް އަނެއް ރަށް ދަތުރުފަތުރުން ގުޅުވާލުމަކީ މުހިންމު މަސައްކަތެއްކަން ފާހަގަ ކުރެއްވިއެވެ. އަދި މަޑިވަރުގައި ހުޅުވުނު އެއާޕޯޓާއެކު މާލެއިން އުތުރުގެ ކޮންމެ އަތޮޅެއްގައި މިހާރު އެއާޕޯޓެއް އޮތްކަން ފާހަގަ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މަދަރުސަތުލް އިފްތިތާހްގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމާއި އޭވީ ރޫމްއާއި ސްޓާފްރޫމް ހިމެނޭ އިމާރާތް ރަސްމީގޮތުން ހުޅުވައިދެއްވުމުގެ އިތުރުން ޅ. ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓްސްގެ މަސައްކަތް ނިންމާ ނައިފަރު ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅުގެ 6 ރަށަކަށް ކުރެއްވި ތިން ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.