އެމްޓީސީސީ

ޅ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށަނީ

ޅ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް މި މަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޅ. ކުރެންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް މުފީދު ވިދާޅުވީ އެމްޓީސީސީ އިން ފޯރުކޮށްދޭ އާރްޓީއެލް ފެރީގެ ހިދުމަތް ޅ. އަތޮޅުގެ ރަށްތަކަށް މިމަހު 19 ގައި ފަށާނެ ކަމަށް އެމްޓީސީސީން އަންގާފައިވާ ކަމަށެވެ.

"ހިދުމަތް ދޭން ފަށަން ތައްޔާރުވުމުގެ ގޮތުން އެމްޓީސީސީއިން ހިދުމަތާ ގުޅޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ވެސް މިހާރު ވަނީ ހިންގާފައި،" މުފީދު ވިދާޅުވި އެވެ.

ނައިފަރު، ހިންނަވަރު، އޮޅުވެލިފުށި، އަދި ކުރެންދޫގައި އެމްޓީސީސީއިން ވަނީ މިދިޔަ ހަފްތާގައި މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފަ އެވެ.

މި ޕްރޮގްރާމްގެ ދަށުން އާރްޓީއެލް ފެރީގެ ދަތުރުތައް ރާވާފައިވާ ގޮތާއި، ރައްޔިތުންނަށް ކުރާނެ ފައިދާއާއި، ދަތުރު ކުރާނެ ރޫޓާއި އަދި މި ހިދުމަތް ހޯދުމަށް ޓިކެޓް ނަގާނެ ގޮތާއި އަގުތައް ކަނޑައަޅާފައިވާ ގޮތާ ބެހޭގޮތުން ވެސް ރައްޔިތުންނަށް މައުލޫމާތު ދީފައިވެ އެވެ.

"މި ހިދުމަތަކީ ކުރެންދޫގެ އިތުރުން މި އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ހިދުމަތެއް ކަމަށް ގަބޫލުކުރަން،" މުފީދު ވިދާޅުވި އެވެ.

އެމްޓީސީސީ އިން އަންނަނީ ހއ. ހދ. އަދި ށ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ދެމުންނެވެ.