ހަބަރު

ހަރުކަށި ފިކުރު ހުއްޓުވުމާ ގުޅޭ ވޯކްޝޮޕެއް ނައިފަރުގައި ބާއްވައިފި

Feb 20, 2020
1

ހަރުކަށި ފިކުރު ހުއްޓުވުމުގައި ތައުލީމީ ދާއިރާގެ އިސްވެރިންގެ ދައުރު ބުނެދީ އެ މަސައްކަތްތަކަށް ތައުލީމީ ދާއިރާ އަހުލުވެރި ކުރުމަށްޓަކައި ބާއްވަމުން ގެންދާ ވޯކްޝޮޕްތަކުގެ ތެރެއިން އަށްވަނަ ވޯކްޝޮޕް ޅ. ނައިފަރުގައި ބާއްވައިފި އެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން ތައުލީމީ ދާއިރާގެ އިސްވެރިންނަށް އަމާޒުކޮށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ބާއްވާ ވޯކޮޝޮޕްތަކުގެ އަށްވަނަ ބައްދަލުވުން ބޭއްވީ ޅ. ނައިފަރުގައި ހުންނަ މަދްރަސަތުލް އިފްތިތާހްގަ އެވެ. އެ ބައްދަލުވުމުގައި އެ އަތޮޅުގެ ހަތަރު ސްކޫލަކުން 33 މީހުން ބައިވެރިވި އެވެ.

މި މަސައްކަތު ބައްދަލުވުން އިފްތިތާހް ކުރީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއީ ޕޮލިސީ ޑިރެކްޓަރު މޫސާ ނައީމް އެވެ. އޭނާގެ ވާހަކަފުޅުގައި މި މަސައްކަތުގައި ސްކޫލްތަކުގެ އިސްވެރިންގެ ދައުރުގެ މުހިއްމުކަން ފާހަގަކުރައްވައި އެ ކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ސެޝަންތައް ނަގައިދިނީ އެންސީޓީސީ އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. ސައުދުﷲ އަލީ އެވެ.

މި މަސައްކަތު ބައްދަލުވުމަކީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި އެޑިއުކޭޝަން މިނިސްޓްރީ އާއުި އެމްއެންޑީއެފް އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ޖަޕާނުގެ ސަރުކާރުގެ އެހީގައި ހިންގާ ޕްރޮގްރާމެއްގެ މަސައްކަތު ބައްދަލުވުމެކެވެ.

މި ޕްރޮގްރާމްގެ ދަށުން މާލެ ސިޓީގެ ސްކޫލްތަކާއި، އައްޑޫ ސިޓީގެ ސްކޫލްތަކާއި، ގދ. އަތޮޅުގެ ސްކޫލްތަކުގެ އިތުރުން ހދ. އަތޮޅުގެ ސްކޫލްތަކާއި ލ. އަތޮޅުގެ ސްކޫލްތަކަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުންތަކެއް ވަނީ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ބާއްވާފަ އެވެ.