ހަބަރު

ފިކުރީ ހައްދު ފަހަނައެޅުމާއި ދެކޮޅަށް މަސައްކަތު ބައްދަލްވުމެއް

ފިކުރީ ހައްދު ފަހަނައެޅުމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ތައުލީމީ ދާއިރާ އަހުލުވެރިކުރުމަށްޓަކައި ޏ. ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލްގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފި އެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ޔޫއެންޑީޕީ އަދި ނޭޝަނަލް ކައުންޓަރު ޓެރަރިޒަމް ސެންޓަރުން ބޭއްވި މި މަސައްކަތު ބައްދަލުވުން ފިކުރީ ހައްދު ފަހަނައެޅުމާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ސްކޫލްތަކުގެ އިސްވެރިންގެ ދައުރުގެ މުހިއްމުކަން ވަނީ ބައިވެރިންނަށް އަންގައިދީފައެވެ. އަދި ސްކޫލް ދަރިވަރުންގެ މެދުގައި ފިކުރީ ހައްދުފަހަނައަޅައި ދިއުން އޮތް މިންވަރަށް ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ރަނގަޅު މަގުދައްކައި ދިނުމަކީ ތައުލީމީ ދާއިރާގައި ކިޔަވައިދޭ ފަރާތްތަކުގެ މައްޗަށް ލާޒިމް ކުރާކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ ނޭޝަނަލް ކައުންޓަރު ޓެރަރިޒަމް ސެންޓަރާ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ، މޯލްޑިވްސް ޕޮލިސް ސާރވިސް، އެމްއެންޑީއެފް ސަދަން އޭރިއާ އަދި ޔޫއެންޑީޕީ މޯލްޑިވްސް އާއި އިސްލާމިކް ޔުނިވާސިޓީ ގުޅިގެން ޖަޕާނު ސަރުކާރުގެ އެހީގައި، ހިންގާ ޕްރޮގްރާމެކެވެ.

އެއް ދުވަހުގެ މުއްދަތަށް ހިންގި މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވަނީ އެންސީޓީސީއާ މޯލްޑިވްސް ޕޮލިސް ސާވިސްގެ ބޭފުޅުންގެ އިތުރުން މޯލްޑިވިސް އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސަލާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ. މިފަހަރުގެ ޕްރޮގްރާމްގައި ފުވަމުލަކު ހަތަރު ސްކޫލަކުން 28 ބޭފުޅުން ބައިވެރިވިއެވެ.

ތައުލީމީ ދައިރާގައި ޚާއްސަކޮށްގެން ކުރިއަށް ގެންދާ މި ސިލްސިލާ މަސައްކަތު ބައްދަލުވުން، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ގްރޭޓާ މާލެ ސަރަހައްދުގެ ސްކޫލްތަކާއި، އައްޑޫ ސިޓީގެ ސްކޫލްތަކާއި، ހުވަދުއަތޮޅު ދެކުނުބުރީގެ ސްކޫލްތަކާއި އަދި ތިލަދުންމަތީ ދެކުނުބުރީގެ ސްކޫލްތަކުގެ އިތުރުން ހައްދުންމަތީގެ ސްކޫލްތަކާއި މާޅޮސްމަޑުލު ދެކުނު ބުރީގެ ސްކޫލްތަކުގައި މަސައްކަތްކުރައްވާ އިސްބޭފުޅުންނަށް ހިންގާފައިވެއެވެ.