ޅ. ހިންނަވަރާއި ނައިފަރު ބްރިޖަކުން ގުޅާލުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވައުދުވެވަޑައިގެންފި އެވެ.
ޅ. ނައިފަރުގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނުު ވެރިކަމަށް ހޮވިއްޖެ ނަމަ ނައިފަރާއި, ހިންނަވަރުގެ ދެމެދު އޮތް ފެލިވަރާއި މަޑިވަރުގެ އިތުރުން ގޭރިފަރު ބްރިޖަކުން ގުޅާލާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ މި ރަށްތައް ގުޅާލުމުން ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިއެރުންތަކެއް ލިބި ތަރައްގީ އާއި ކުރިއެރުން ލިބިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ގާތްގަނޑަކަށް 300 މީޓަރު އެއްފަޅު އަނެއް ފަޅާ ދޭތެރޭގައި މި ހުންނަނީ. އެންމެ ދިގުކޮށް މިއޮންނަ ދޭތެރޭގައި ވެސް ހުރީ 500 މީޓަރު. އަޅުގަނޑުގެ ވެރިކަމެއްގައި މިތަން އެއްކޮށް ބްރިޖުން ގުޅާލާނަން،" ގާސިމް ވިދާޅުވި އެވެ.
ބްރިޖު އެޅުމުގެ މަސައްކަތް ކުރާނީ ޒަމަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެންމެ ހަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ރަށްތައް ބްރިޖުން ގުޅާލުމުން މި ރަށްތައް ވަރުގަދަ ތަންތަނުގެ ގޮތުގައި ތަރައްގީކުރަން ފަސޭހަވެ ބޮޑު އާބާދީއަށް ބޭނުންވާ ވަސީލަތްތައްވެސް ގާއިމުކުރެވިގެންދާނެ ކަމަށެވެ.
"މިދަންނަވާ ޑިވެލޮޕްމަންޓް ނިމުމުން މި ސަރަހައްދު ސިޓީއަކަށް ވެގެން ދިއުގެމުގެ ފުރުސަތުވެސް އެބައޮތް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ ނައިފަރު އަދި ހިންނަވަރު ބިން ހިއްކުމަށްފަހު ގިނަ އަދަދެއްގެ ފްލެޓް އެ ދެ ރަށުގައި އެޅުމަށްވެސް ވައުދުވެފަ އެވެ. އަދި ނައިފަރުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަށްވެސް ވައުދުވެވަޑައިގެންނެވި އެވެ.