ހަބަރު

މެލޭޝިއާގެ އެއާލައިނެއް އިސްލާމީ ޝަރީއާ އާއި އެއްގޮތަށް ދަތުރުތައް ފަށައިފި

މެލޭޝިއާގެ އެއާލައިނެއް ކަމަށްވާ ރަޔާނީ އެއާގެ ދަތުރުތައް އިސްލާމީ ޝަރީއަތާ ހިލާފުނުވާނެ ގޮތަށް ބަދަލުކޮށް، ދަތުރުތައް ފަށައިފިއެވެ. މިއީ މެލޭޝިއާގައި އިސްލާމީ ޝަރީއަތަށް ތަބާވާ ފުރަތަމަ އެއާލައިންނެވެ.

މި އެއާލައިނުން ވަނީ އިސްލާމީ ޝަރީއަތާ ހިލާފުނުވުމަށް ހާއްސަ ކަންތައްތަކެއް ކުރަން ނިންމާފައެވެ. އެގޮތުން މި އެއާލައިންގެ ހުރިހާ އަންހެނުން ކެބިންކުރޫއިންނަށް ވަނީ ބުރުގާ އެޅުމަށް އަންގާފައެވެ. އަދި ބުރުގާއާއެކު ކެބިންކުރޫގެ ޔުނީފޯމް ވަނީ ތައާރަފްކޮށްފައެވެ.

މި އެއާލައިންގެ ދަތުރުތައް މެލޭޝިއާގެ އެތެރޭގައި ފަށާފައިވާއިރު ކޮންމެ ދަތުރެއް ފެށުމުގެ ކުރިން ދަތުރެއް ފެށުމުގެ ކުރިން ކިޔަން އަންގާފައިވާ ދުއާ ކިޔައެވެ.

ރަޔާނީ އެއާގެ ފްލައިޓްތަކުން ބަނގުރާ ލިބޭކަން ނުހުރެއެވެ. އެ ފްލައިޓްތަކުން ފޯރުކޮށްދެނީ ހަމައެކަނި އިސްލާމީ ޝަރީއަތް ހުއްދަކުރާ ހަލާލު ކާނާއެވެ.

ރަޔާނީ އެއާގެ މެނޭޖިން ޑިރެކްޓަރު ޖައުފަރު ޒަމްހާރީ ވިދާޅުވެފައިވަނީ އިސްލާމީ ޝަރީއަތަށް ފުރިހަމައަށް ތަބާވާ ފުރަތަމަ މެލޭޝިއާގެ އެއާލައިނަށް ވެގެން ދިއުމަކީ ފަހުރުވެރިވާކަމެއް ކަމަށެވެ.

ރާޔާނީ އެއާއިން މިހާރު މެލޭޝިއާގެ ފަސް ސަރަހައްދަކަށް ދަތުރުތައް ފަށާފައިވާއިރު އެ އެއާލައިންގެ މަގުސަދަކީ ސައުދި އަރަބިއްޔާގެ މައްކާއަށް ދަތުރުތައް ފެށުމެވެ. ހައްޖަށް މީހުން ގެންގޮސްދިނުމަކީ އެ އެއާލައިނުން އެންމެ އެދޭ ކަމެވެ.

މި އެއާލައިންނަކީ އިސްލާމީ ޝަރީއަތަށް ފުރިހަމައަށް ތަބާވާ ދުނިޔޭގެ ހަތަރުވަނަ އެއާލައިނެވެ. ސައުދީ އަރަބިއަން އެއާލައިން، ރޯޔަލް ބުރުނި އެއާލައިން އަދި އީރާން އެއާ އަކީ ވެސް އިސްލާމީ ޝަރީއަތަށް ފުރިހަމަ ތަބާވާ އެއާލައިންތަކެކެވެ. އިނގިރޭސިވިލާތުގެ ފިރްނަސް އެއާވޭސް ވެސް އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތަށް އަންނަ އަހަރު ދަތުރުތައް ފަށާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.