އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ އިންތިހާބުގައި ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ވޯޓު އެއްވަރުވި ދެ ކެންޑިޑޭޓުންގެ މެދުގައި މިމަހުގެ 28 ވަނަ ދުވަހު އަލުން އިންތިހާބު ބޭއްވުމަށް ނިންމައިފި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ދެ ޑެޕިއުޓީ ލީޑަރުން ތިއްބަވާއިރު މިދިޔަ ހުކުރު ދުވަހު ބޭއްވި އިންތިހާބުގައި އެ މަގާމަށް ވާދަކުރެއްވީ ތިން ބޭފުޅުންނެވެ. އެއީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ.
މުހައްމަދު ރަޝީދު އިންތިހާބުވިއިރު އިލްޔާސް އާއި ހުސައިން އަށް ލިބުނީ 34 ވޯޓެވެ. އިލްޔާސް އަކީ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރެއް ކަމަށް ބައެއް ފަރާތްތަކުން ދެކޭއިރު ހުސައިން އަކީ ރައީސް ސޯލިހަށް ވަފާތެރި މެންބަރެއް ކަމަށްވެސް ބައެއް ފަރާތްތަކުން ދެކެ އެވެ.
މި ދެ ބޭފުޅުންގެ ތެރެއިން ހޮވޭ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ އިންތިހާބު އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އިން 4:00 އަށެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ އެއް ވިޕް އަދި އިންތިހާބުކޮށްފައި ނުވާތީ އެ މަގާމަށް ކުރިމަތިލުމަށް ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ.
ހުކުރު ދުވަހު އޮތް އިންތިހާބުގައި ޕީޖީ ލީޑަރު ކަމަަށް ހޮވާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.
ޕީޖީ ގުރޫޕްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެކަންޏެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ހިމެނޭ 65 މެންބަރުންގެ ތެރެއިން 63 ވޯޓް އޭނާ އަށް ލިބިވަޑައިގަތެވެ.
މި އިންތިހާބުގައި ޗީފް ވިޕަކަަށް ހޮވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އެވެ. އޭނާއަށް 34 ވޯޓް ލިބިވަޑައިގަތެވެ. މުޣުނީއާ ވާދަކުރެއްވި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީއަށް ލިބިވަޑައިގަތީ 31 ވޯޓެވެ.
ވިޕުންގެ ގޮތުގައި އިންތިހާބުވެވަޑައިގަތީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހަސަން ޒިއާދު އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމްގެ އިތުރުން ފޮނަދޫ ދާއިރާގެ މެންބަރު އަލީ ސިރާޖެވެ.