ނައިފަރު

އިފްތިތާހުގެ މައްސަލަ ކޮމިޓީއަށް

ޅ. ނައިފަރުގައި ހުންނަ މަދަރުސަތުލް އިފްތިތާހުގެ ހިންގުން ހަރުދަނާކޮށް ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސުކޫލަށް ދިމާވެފައިވާ ދަތިތަކަށް ވީހާވެސް އަވަސް ހައްލެއް ހޯދައިދިނުމަށް ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އެ ގަރާރު މިއަދު މަޖިލީހުގެ ތަޅުމުން ބަލައިގަތީ 36 މެމްބަރުންގެ ވޯޓާއެކު އެވެ. ގަރާރު ބަލައިގަންނަން ނުފެންނަކަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. އަދި ވަކި ކޮޅަކަށް އެއް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ގަރާރު ބަލައިގަތުމަށް ފަހު މައްސަލަ ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައާ ބެހޭ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.

ގަރާރުގައި ބުނެފައިވަނީ މާލެ ފިޔަވައި ރާއްޖޭގެ ހުރި އެންމެ ދުވަސްވީ އެއް މަދަރުސާ ކަމަށްވާ އިފްތިތާހަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން އެ މަދަރުސާއިން ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި އެ މަދަރުސާގެ ޓީޗަރުންނާއި ހިންގުންތެރިންނަށް ދިމާވެފައިވާ ދަތިތަކާއި އެ ކަންކަމުގެ ސަބަބުން ދަރިވަރުންގެ ތައުލީމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ވީހާވެސް އަވަސް ހައްލުތަކެއް ބޭނުންވާ ކަމަށެވެ.

ޝިޔާމްގެ ގަރާރުގައި ނައިފަރު މަދަރުސާގެ ސީނިއާ މެނޭޖްމަންޓާ ބައެއް ބެލެނިވެރިންނާއެކު ބައްދަލުކޮށް ފާހަގަކުރެވުނު ކަންކަންވެސް ވަނީ ހިމަނާފައެވެ.

އެގޮތުން އަލަށް އިމާރާތް ކޮށްފައިވާ އައު ކްލާސްރޫމް ބްލޮކްގެ މަސައްކަތް ނިމި އެތައް މަހެއް ވީއިރުވެސް އިމާރަތަށް ކަރަންޓް ލެވިފައިނެތުމުން އެތަން ކުދިންގެ ކިޔެވުމަށް ބޭނުން ނުކުރެވި ސްކޫލްގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވުމާއި އަދި މިހާރު ބޭނުން ކުރަމުންދާ އިމާރާތުގައިވެސް ދާއިމީ ކަރަންޓެއް ނެތުމުން އަލަށް އިމާރަތްކުރެވިފައިވާ އާ ކްލާސްރޫމް ބްލޮކަށް ވީހާވެސް ކަރަންޓް ގުޅާ ފަރުނީޗަރު ހަމަކޮށްދިނުމާއި މިހާރުރު ވެސް ސްކޫލް ގައި ބޭނުންކުރަމުން އަންނަ ގިނަ ފަރުނީޗަރުތައް ހަލާކުވެ ސުކޫލްގެ ދަރިވަރުންނާއި ޓީޗަރުންނަށް ބޭނުންވާ ވަރަށްވެސް ފަރުނީޗަރު ނެތުން އެކަންކަން ހައްލު ކޮށް ދިނުމަށް އެދިފައެވެ.

މީގެ އިތުރުން ކޮމްޕިޓާ ލެބޯޓަރީ މިހާރު ހުރި އިމާރާތުން އެހެން އިމާރާތަކަށް ބަދަލުކޮށް ސިސްޓަމްތައް އަޕްގްރޭޑްކޮށް ދިނުމާއި ދަރިވަރުން ކުޅެން ހަދާފައިވާ ސަރަހައްދު ބާވެ ކުޅެން ހަދާފައިވާ ތަކެތި ހަލާކުވެ ކުދިންނަށް އަނިޔާވާ މައްސަލަ ހައްލު ކޮށް ދިނުމަށް އެދިފައިވެއެވެ.

އިފްތިތާހުގައި މިހާރު ބޭނުން ކުރާ ސެން ކްލާހަކީ ދަރިވަރުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހިމެނޭ ގޮތަށް ފަރުމާ ކުރެވިފައިވާ ތަނަކަށް ނުވާތީ ވަސީލަތްތައް ހަމަ ކްލާސްރޫމެއް އަދި ކުދިންނަށް ފަސޭހައިން ފާހާނާއަށް އެކްސެސް ލިބޭނެ ގޮތަށް ފުރިހަމަ ކޮށްދީ ސެން ކްލާހަށް ޓީޗަރުން ހަމަ ކޮށް ދިނުމަށްވެސް ގަރާރުގައި އެދިފައިވެއެވެ.

އެ މަދަރުސާގައި މިހާރު ބޭނުންކުރަމުން އަންނަ ސައުންޑް ސިސްޓަމް ހަލާކުވެފައިވާތީ ދަރިވަރުންނަށް ދޭންޖެހޭ އެނައުންސްމެންޓްތަކާއި އެސެމްބްލީގައި އާއި ޖަލްސާ އަދި ގަޑިހަމަވުން ޖަހާ ރަނގަބީލުގެ އަޑުވެސް ސުކޫލްގެ ގޯތިތެރެއަށް ނީވޭ މައްސަލަ ހައްލުކޮށް ދިނުމާއި ހުރިހައި ކްލާސްރޫމުތަކާއި މައި އިމާރާތުހެ އާބާތުރަ ފިލުވަން ޖެހިފައިވުމުން އެކަންކަން ކޮށް ދިނުމަށްވެސް އެދިފައިވެއެވެ.

މަދަރުސާގެ ކްލާސްރޫމްތަކަށް އިންޓަނެޓް ނުލިބުމާއި ސްކޫލްގެ ސައިންސް ލެބް ބޭނުންނުކުރެވޭތާ ތިން އަހަރު ވެފައިވާތީ ސައިންސް ސްޓްރީމްއަށް ކިޔަވަމުންދާ ދަރިވަރުންނަށް ކިޔެވުމަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ސުކޫލު ހިންގުމުގެ އޮނިގަނޑަށް ބޭނުންވާ ވަރަށް ޓީޗަރުންނާއި މުވައްޒިފުން ނެތުމާއި ގާބިލް ޓީޗަރުން އިތުރުކުރެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުމަށްވެސް ޝިޔާމްގެ ގަރާރުގައި އެދިފައިވެއެވެ.

މީގެ އިތުރުން އިފްތިތާހުގައި ޑެޕިއުޓީ ޕްރިންސިޕްލެއް ނެތި ވަރަށް ިގނަ ދުވަސް ވެފައިވުމާއި މިހާ ގިނަ ދަރިވަރުން ކިޔަވަމުންދާ މަދަރުސާއެއްގައި ޑެޕިއުޓީ ޕްރިންސިޕަލެއް ނެތުމުން ސްކޫލް ހިންގުމުގައި ވަރަށް ގިނަ ދަތިތައް ކުރިމަތިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އަދި އެ މަދަރުސާގައި އެކްސްޓްރާ ކަރިކިއުލާ ހަރަކާތްތައް ކުރިއަށް ގެންދެވޭ މިންވަރު މަދުވެ ބޭންޑްގެ ހަރަކާތްތައް ނުބޭއްވޭއިރު ކުޅިވަރު ހަރަކާތްތައްވެސް މަދުކަން ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

އިފްތިތާހުގެ ލައިބްރަރީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުރިހާ ވަގުތެއްގައިވެސް ދަރިވަރުންނަށް ބޭނުން ކުރެވޭނެ ގޮތަކަށް އިންތިޒާމް ކުރުމާއި އަލަށް އެ މަދަރުސާއާ ގުޅޭ ދަރިވަރުންނަށް ވީހާވެސް އަވަހަށް ޓެބްލެޓް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށާއި ޕްރިންޓިން ރޫމްގެ ގިނަ މެޝިނަރީސްތައް ހަލާކުވެފައި ވުމުގެ ސަބަބުން ފިލާވަޅު ނަގައިދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ޓީޗަރުން ބޮޑު ހޭދައެއް ކުރަން ޖެހޭތީ އެކަންކަން ހައްލުކޮށް ދިނުމަށްވެސް މެންބަރުގެ ގަރާރުގައި އެދިފައިވެއެވެ.