ޑރ. ހުސައިން ރަޝީދު ހަސަން

އައިސްޕްލާންޓެއް އަޅަން ނައިފަރުގެ ރައްޔިތުން އެދިފައެއް ނެތް: ފިޝަރީޒް މިނިސްޓަރު

ޅ. ނައިފަރުގައި އައިސްޕްލާންޓެއް އަޅަން އެރަށުގެ ރައްޔިތުން އެދިފައި ނުވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓަރު މިހެން ވިދާޅުވީ ނައިފަރުގައި އައިސްޕްލާންޓްގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ އެކަން ސާފުކުރުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލުކުރެއްވުމުން މިއަދު މަޖިލީހަށް ހާޒިރުވެ އެކަމާ ގުޅޭގޮތުން ޖަވާބު ދެއްވަމުންނެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނައިފަރަށް ވަޑައިގެން އެ ރަށުގައި އައިސް ޕްލާންޓެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ނަމަވެސް ފިޝަރީޒް މިނިސްޓަރު މިއަދު ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ރައީސް ސޯލިހު ނައިފަރަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި އައިސް ޕްލާންޓެއް ގާއިމުކުރަން އެރަށުގެ މަސްވެރިން އެދިފައި ނުވާ ކަމަށެވެ. އެކަމާ ގުޅޭ ރެކޯޑިންތައް އެބަހުރި ކަމަށާއި އޭގައިވެސް އައިސްޕްލާންޓުގެ ވާހަކައެއް ނެތް ކަމަށެވެ.

އޭގެ ބަދަލުގައި ނައިފަރުގެ މަސްވެރިން އެދިފައިވަނީ ލުއިގޮތަކަށް ފެލިވަރުން އައިސް ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމަށާއި، ސްލިޕްވޭއެއް އަޅައި ދިނުމަށާއި، އިންޖީނު ރިޕެއާ ސެންޓަރެއް ހަދައިދިނުމާއި އެކު، ޑައިވްކޮށްގެން ޅ. އަތޮޅުގައި އެން ހިފުން މަނާކުރުމާއި އަދި ލޭނާއި ދާ އަޅައިގެން މަސްވެރިކަން ކުރުން މަނާކުރަން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުވެސް ފެލިވަރުން 75 ޓަނުގެ އައިސް ލިބޭ ކަމަށާއި ލޭނާއި ދާ އަޅައިގެން ކުރާ މަސްވެރިކަން މިހާރު ގާނޫނީ ގޮތުން މަނާވެސް ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރަށް ރައްދު ދެއްވައި ޝިޔާމް ވިދާޅުވީ ފެލިވަރުން އުފައްދާ އައިސްއަކުން ނުވާ ކަމަށާއި ނައިފަރުގައި މިހާރުވެސް މަހަށް ފުރާ 24 އުޅަނދު އޮތް އިރު އެރަށަށް އެކަނި ބޭނުންވާ ވަރަަށްވެސް އައިސް ނުލިބޭ ކަމަށެވެ.

ހަމަ އެހެންމެ ނައިފަރުގައި އައިސްޕްލާންޓެއް އަޅަން ރައީސް ސޯލިހު ވައުދުވި ކަމަށް އަނެއްކާވެސް ތަކުރާރުކޮށް ވިދާޅުވި އެވެ. ނަމަވެސް އެއީ ޕޯޑިއަމްއެއްގައި ދެއްކެވި ވާހަކައަކަަށް ނުވާތީ މިނިސްޓަރަށް ލިބިފައިވާ ރެކޯޑިންގައި އެ ވާހަކަތައް ނުހުރެދާނެ ކަމަށް ވިދާޅުވި އެވެ.

ޝިޔާމް ދޫނުދެއްވުމުން މިނިސްޓަރު ވިދާޅުވީ ނައިފަރުގެ ރެކޯޑިން މަޖިލީހުގެ ރައީސްއާ ހިއްސާކުރައްވާނެ ކަމަށެވެ.