ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށާއިރު ނައިފަރު ދާއިރާގެ ތިން މަޝްރޫއަކާ ގުޅިގެން ތިން ވަޒީރަކު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް އެ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ހުށައަޅުއްވައިފި އެވެ.
ނައިފަރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު ޝިޔާމް ހުށައަޅުއްވާފައިވަނީ ނައިފަރުގެ ފެނާ ނަރުދަމާގެ މަސައްކަތް ވަރަށްބޮޑަށް ލަސްވެ ނައިފަރުގެ މަގުތަކުގެ މަސައްކަތް ބަޖެޓުކުރެވިފައި ވީނަމަވެސް އެއްވެސް ސިފައެއްގައި ކުރިޔަށް ނުދާތީ ޕްލޭނިން މިނިސް މުހައްމަދު އަސްލަމް މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެއްވުމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނައިފަރުގެ މަސްވެެރިންނަށް ވެވަޑައިގެންފައިވާ އައިސްޕުލާންޓް ގާއިމު ކޮށްދެއްވާނެ ކަމުގެ ވައުދުފުޅު އެއްވެސް ސިފައެއްގައި ހާސިލްވަމުން ނުދާތީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދުގެ އިތުރުން ނައިފަރުގައި ޒުވާނުންގެ މަރުކަޒެއް ގާއިމް ކޮށްދެއްވާނެ ކަމުގެ ވައުދުފުޅު ރައީސް ސޯލިހް ވެވަޑައިގެންފައި ވީނަމަވެސް އެކަމުގެ އެއްވެސް މަސައްކަތެއް އެއްވެސް ސިފައެއްގައި ކުރިޔަށް ނުދާތީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރެއްވުމަށެވެ.
ދާއިރާގެ މައްސަލަތައް ހައްލު ކުރެއްވުމަށް މަޖިލީހުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ މެންބަރު ޝިޔާމް ވަނީ މި މަސައްކަތްތައް ކުރިއަށް ނުދާތީ މީގެ ކުރީންވެސް މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ބޮޑު އާބާދީއެއް އޮތް ނައިފަރަކީ މަސްވެރި ރަށެކެވެ. އަދި މަގުތަކުގެ ހާލަތު ގޯސްވެފައިވާތީ ފެނާއި ނަރުދަމާގެ ހިދުމަތް ވަރަށް މުހިންމު ވެފައިވާ ރަށެކެވެ.