އަހުމަދު ޝިޔާމް

ނައިފަރުގެ ފެނާ ނަރުދަމާ ލަސްވާތީ މިނިސްޓަރު މަޖިލީހަށް

ފާދިއްޕޮޅު ނައިފަރުގެ ފެނާ ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމަ ޖެހިވަޑައިނުގެން އެ މަަސައްކަތް ނިންމާލެވޭނެ ތާރީހެއް ސާފުކުރުމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ސުވާލު ކުރެއްވުމަށް އެ ރަށް ތަމްސީލު ކުރައްވާ މެންބަރު އަހުމަދު ޝިޔާމް ހުށައަޅުއްވައިިފި އެވެ.

ޝިޔާމްގެ ހުށައެޅުއްވުމާއި ގުޅިގެން މާދަމާގެ ޖަލްސާއަށް އެ މައްސަލަ މިހާރު ވަނީ އެޖެންޑާކޮށްފައެވެ.

މެންބަރުގެ ސުވާލުގައި ވިދާޅުވެފައިވަނީ ނައިފަރުގެ ފެނާއި ނަރުދަމާ ގާއިމުކުުރމުގެ މަސައްކަތުގެ 85 ޕަސެންޓް މަސައްކަތް ނިމިފައިވަނިކޮށް އެ މަސައްކަތްކުރި ކުންފުންޏާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުން އުވާލާފައިވާ ކަމަށެވެ. އަދި ބާކީ މަަސައްކަތް ނިންމަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފެންކުންފުނި އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ މަސައްކަތް ކުރިއަށްދަނީ ވަަރަށް ލަހުން ކަަމަށް ޝިޔާމް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ބަޖެޓްކުރެވިފައިވާ ނައިފަރުގެ މަގު ހެދުމުގެ މަސައްކަތްވެސް ނުފެށިވާތީ ނައިފަރުގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ނިންމުން ލަސްވަނީ ކީއްވެތޯ ސުވާލު ކުރައްވާފަައިވެއެވެ. އަދި އެ މަސައްކަތް މުޅީން ނިންމާލެވޭނެ ތާރީހެއް ސާފުކޮށް ދިނުމަށްވެސް އެދިފައިވެއެވެ.

މީގެ އިތުރުން މި އަހަރަށް ބަޖެޓް ކުރެވިފައިވާ ނައިފަރު މަގު ހެދުމުގެ މަސައްކަތް ފެށޭނީ ކޮން އިރަކުތޯވެސް ޝިޔާމް ސުވާލު ކުރައްވާފައިވެއެވެ.