ޅ. ނައިފަރުގައި ގާއިމުކޮށްފައިވާ ފެނާ ނަރުދަމާގެ ނިޒާމުގައި ހުރި މައްސަލަތަކުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ދިނުމަށާއި ހިދުމަތް ބޭނުންކުރުމަށް ހުރި ދަތިތައް ވީހާވެސް އަވަހަށް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ގަރާރު މަޖިލީހަށް ތައާރަފުކުރުމެވެ.
ގަރާރުގައި ބުނެފައިވަނީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ޕްރިމަރީއާ ދިމާކޮށް މި މަސައްކަތް ނިންމާ އޮޕަރޭޓަރާ ހަވާލުކުރިއިރު މަޝްރޫއު ފުރިހަަމަނުވާ ކަމަށެވެ. ފެނާ ނަރުދަމާ ނޭޅި އެތައް ގެއެއް ހުރުމާއެކު ރައްޔިތުންނަށް ފެނާ ނަރުދަމާގެ ހިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ވީހާ އަވަހަށް ހައްލުކޮށްދިނުމަށް މި ގަރާރުގައި ވަނީ ގޮވާލާފަ އެވެ.
ނައިފަރުގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތުގެ 85 ޕަސަންޓް މަސައްކަތް ނިމިފައިވަނިކޮށް އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ "އެލްއީ ޓްރިވެނީ ޖޭވީ" އާއެކު ވެފައިވާ އެއްބަސްވުން ޖެނުއަރީ 23، 2020 ގައި ސަރުކާރުން އުވާލުމުން މަޝްރޫއުގެ މަސައްކަތް ހުއްޓުނުކަން ފާހަގަކޮށްފައިވެ އެވެ.
"މި މަޝްރޫއުގެ މަސައްކަތް ފުރިހަމަނުކޮށް ނިޒާމް އޮޕަރޭޓްކުރުމަށް ފެނަކައާއި ހަވާލުކުރުމުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތްދިނުމަށް ދަތިތައް ކުރިމަތިވެފައިވެ ރައްޔިތުންނަށް ހިދުމަތުގެ ފުރިހަމަ ބޭނުން ނުހިފޭ" ކަމަށް ގަރާރުގައި ބުނެފަ އެވެ.
ގަރާރުގައި ބުނެފައިވަނީ 6،000 އަށްވުރެ ގިނަ މީހުންގެ އާބާދީއަކަށް ފުރިހަމަ ނުވާ ނިޒާމަކުން ހިދުމަތް ދިނުމަށް ހުރި ދަތިތަކާ ގުޅޭ ގޮތުން ފެނަކައިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ކަމަށެވެ.
އެގޮތުން އާރްއޯ ޕްލާންޓުން ދޫކުރާ ފެނުގައި ކުލައާއި ވަސް ހުންނާތީ މި ފެނަކީ ރައްކާތެރި ފެނަަށް ނުވުމާޢި ސިއްހީ ގޮތުންވެސް މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އާރްއޯ ޕްލާންޓް އޮޕަރޭޓް ކުރުމަށް ބޭނުންވާ ޓެކްނިކަލް ކަންކަން ފުރިހަމަވެފައި ނެތުމާއި އެ ޕްލާންޓްގެ މެއިންޓެނެންސަށް ބޭނުންވާ ވަސީލަތްތައް ލިބެން ނެތުމުގެ ސަބަބުން ހިދުމަތް ދިނުމުގައި ދަތިތައް ކުރިމަތިވާ ކަމަށް ވަނީ ބުނެފަ އެވެ.
ޕްލާންޓުން ފެންލީކުވެ ދަބަރު ޖަހާފައިވާ ކަމަށާއި ޕްލާންޓުން ފެން ދޫކުރުމަށް ގާއިމުކުރި ޕަންޕް ސްޓޭޝަން ސާވިސް ނުކުރެވި ކްލޮރިން ހުސްވުންފަދަ އެތައް މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ.
ނަރުދަމާ ނިޒާމުގެ ނެޓްވޯކް ނޭޅޭ ސަރަހައްދުތައް ހުރުމާއި މަގު މައްޗަށް ނަޖިސް ބޭރުވެ ވަސްދުވާ، ބަލިމަޑުކަމެއް އުފެދިދާނެ ކަމުގެ ބިރު އޮތްކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ.
ގަރާރުގައި ބުނެފައިވަނީ ނަރުދަމާ ބައެއް ސްޓާޓިން ލައިން ގޭބިސީތަކުގެ ލައިނަށްވުރެ ތިލަވުމުގެ ސަބަބުން ގޭބިސީގެ ކަނެކްޝަން ނުހެދޭ ކަމަށެވެ. ނަރުދަމާ ގުޅާ ދިނުމަށް އެދި ހިދުމަތް ނުދީހުރި ގޭބިސީތަކަށް ކަނެކްޝަން ދިނުމަށް ބޭނުންވާ މެޓީރިއަލްސް ކޮންޓްރެކްޓާ ފޯރުކޮށްދީފައިނުވާ ކަމަށް މި ގަރާރުގައި ބުނެފައިވެއެވެ.