އަބްދުﷲ ޝާހިދު

މަޝްވަރާކޮށް ޔުކްރޭންގެ މައްސަލަ ހައްލުކުރޭ: ޝާހިދު

މަޝްވަރާކޮށްގެން ޔުކްރޭންގެ މައްސަލަ ހައްލުކުރަން ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ޝާހިދު މިފަދައިން ގޮވާލެއްވީ ރަޝިއާއިން ޔުކްރޭންއާ ދެކޮޅަށް މިހާރު ފަށައިފައިވާ ހަނގުރާމައާ ގުޅިގެން އދ.ގައި އާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން ނެވެ.

ޝާހިދު ވިދާޅުވީ އދ. ގެ 76 އަހަރުވީ މާޒީއިން ވެސް ލިބުނު ފިލާވަޅަކީ އަސްކަރީ މުއާމަލާތްތަކުން ނުވަތަ ހަނގުރާމައަކުން ދާއިމީ ސުލްހައެއް ނުލިބޭނެކަން ކަމަށެވެ. އަދި އޭގެ ބަދަލުގައި ދާއިމީ ހައްލެއް ލިބޭނި ސިޔާސީ ހައްލަކުން ކަމަށެވެ.

ޝާހިދުގެ ވާހަކަފުޅުގައި ހަނގުރާމައިގެ ސަބަބުން އިންސާނުންނަށް އެތައް އަނިޔާއަކާއި ވޭނުގެ އިތުރުން އިގްތިސާދީ ގޮތުން ނިކަމެތިވެގެންދާކަން ފާހަގަކުރެއްވި އެވެ. އަދި އިގްތިސާދު އަލުން ކޮޅަށް ޖަހައި ބޮޑެތި ހަރަދުތައް ވެސް ކުރަން ޖެހޭއިރު މި ހުރިހާ ކަމަކުން މިންޖުވާން އޮތް ގޮތަކީ ހަނގުރާމައަށް މަގު ހުޅުވޭ ފިތުނަތަކުން، އެންމެ ފުރަތަމަވެސް ރައްކާތެރިވެގެން ތިބުން ކަމަށެވެ.

"ދެބަސްވުންތައް ހައްލުކުރަން ބޭނުންވާވަސީލަތް އަޅުގަނޑުމެން ރުކުރުވާލަމާތޯއެވެ! ‎ޑިޕްލޮމަސީއާއި، އިސް ފަރާތްތަކުގެ މަދަދާއި، ސުލްހައިގެ މެދުވެރިއެއްގެ ރޯލުއަދާކުރުމަށް ތިބި ފަރާތްތަކަށް އިސްކަން ދެމާތޯއެވެ؟ ‎ސުލްހައަށް ހައްގުވާ ހުރިހާ ފުރުޞަތެއް އަޅުގަނޑުމެން ދޭމާތޯއެވެ؟" ޝާހިދު ވިދާޅުވި އެވެ.

އެހެންކަމުން އ.ދ.ގެ ޗާޓަރާއި، އެ ޗާޓަރުގެ މަގްސަދުތަކާއި، އެ ޗާޓަރުގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ، ދާއިމީ ސުލްހަ އެއް ކަށަވަރުކުރުމަށް އޮތް ހަމައެކަނި މަގުކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މަޝްވަރާތައް އިތުރަށް ވަރުގަދަކޮށް، މަޝްވަރާތައް މެދުވެރިކޮށް، ހަމަ ނުޖެހުންތައް ކުޑަކުރުމަށް ގޮވާލެއްވި އެވެ.

ޝާހިދު ވިދާޅުވީ ހަނގުރާމައިގެ ނުރައްކަލުން އަންނަން އޮތް ޖީލުތައް ސަލާމަތް ކުރުމަކީ އދ. ގެ ޗާޓަރުގައ ވެސް ހިމެނޭ ކަމެއް ކަމަށެވެ.