އަބްދުﷲ ޝާހިދު

ރަޝިޔާގެ އަމަލަކީ އދ ގެ ޗާޓަރާ ހިލާފު ކަމެއް: ޝާހިދު

ރަޝިޔާ ފެޑެރޭޝަނުން ދިން އަސްކަރީ ހަމަލާއަކީ ޔޫކްރެއިންގެ ސަރަހައްދީ ހަމަޖެހުމާއި އިސްތިގުލާލަށް އަރައިގަތުމެއް ކަމަށާ އަދި އެއީ އދ ގެ ޗާޓަރާ ހިލާފު ކަމެއް ކަމަށްއދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.

ޔޫކްރެއިން އާއި ގުޅޭގޮތުން އދ ގެ އާންމު މަޖްލީހުގައި ބާއްވާ ކުއްލި ހާއްސަ ޖަލްސާގައި ދެއްވި ތަގުރީރުގައި ޝާހިދު ވިދާޅުވީ ޔޫކްރެއިންގެ ހާލަތު ވަރަށް ބާރުމިނުގައި ގޯސްވަމުން ދާތީ ޔޫކްރެއިންގައި ހިނގަމުންދާ އަސްކަރީ ހަރަކާތްތަކާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އަދި ޝާހިދު ވަނީ ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ.

"މިހާރުން މިހާރަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ކުރިން ގޮވާލައްވާފައިވާ ގޮވާލެއްވުން ތަކުރާރު ކުރަން. އަދި ހުރިހާ ފަރާތްތަކަކުންވެސް ވީހާވެސް ބޮޑަކަށް ހަނގުރާމަ އާއި ދިމާލަށް ނުދިޔުމަށް ގޮވާލައްވާފައިވާ ގޮވާލެއްވުން އާ ކުރައްވައި ޑިޕްލޮމަސީ އާއި މަޝްވަރާގެ މޭޒުދޮށަށް ފުރިހަމައަށް ރުޖޫޢަވުމަށް އަޅުގަނޑު ގޮވާލަން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ހަނގުރާމާގައި އަތުލައިގަނެވުނު އަންހެނުންނާއި ކުޑަކުދިންނާއި ފިރިހެނުންގެ ފަރާތުން އެމީހުންގެ ހައްގުގައި މަސައްކަތް ކުރުމީ ކޮންމެހެން މުހިންމު ކަމެއް ކަމަށާ މި ހާލަތުން އަރައިގަތުމަށް ލިބެންހުރި ހުރިހާ ޗެނަލްތަކެއްގެ ބޭނުން ހިފައި ހާލަތު ގޯސްވިޔަ ނުދީ ހިފަހައްޓައި ނުތަނަވަސްކަން ފިލުވާލައި ބައިނަލްއަގްވާމީ ގާނޫނުތަކާއި އދގެ ޗާޓަރުގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

"ސެންޓްރަލް އިމާޖެންސީ ރެސްޕޮންސް ފަންޑުން 20 މިލިއަން ޑޮލަރު ޔޫކްރެއިންގައި އުފެދިފައިވާ އިންސާނީ ކާރިސާއަށް ހާއްސަ ކުރައްވާނެ ކަމަށް ހުކުރު ދުވަހު ސެކްރެޓަރީ ޖެނެރަލް އިއުލާނު ކުރެއްވި އިއުލާނަށް އަޅުގަނޑު މަރުހަބާ ކިޔަން. މަދަނީ އާބާދީތަކަށް ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އެނޫންވެސް ނާޒުކު ގިންތިތަކުގެ މީހުން ހިމެނޭހެން އިންސާނިއްޔަތަށް ލިބޭ ގެއްލުންތައް ފޫނުބެއްދޭހާ ބޮޑުކަމަށް ދަންނަވަން،"

ޝާހިދު ވިދާޅުވީ ޔޫކްރެއިންއިން ފެށިގެން ޔޫރަޕިއަން ޔޫނިއަންގެ އިރުމަތީ އައްސޭރިފަށަށް ބައި މިލިއަނަށްވުރެ ގިނަ ރެފިއުޖީން ހިމެނޭ ގޮތަށް ރެފިއުޖީން ގިނަ އަދަދަކަށް ހިޖުރަކުރަމުން ދިޔުން ހުއްޓުމަކަށް އައިކަމުގެ އެއްވެސް ނިޝާނެއް އަދި ނުފެންނަ ކަމަށެވެ. އަދި ޕޮލެންޑާއި ހަންގޭރީ އާއި ސްލޮވާކިއާ އާއި ރޮމޭނިއާގެ އިތުރުން އީޔޫގައި ނުހިމެނޭ މޮލްޑޯވާގެ ބޯޑަރު ސަރަހައްދުގައި ހުރި ޗެކްޕޮއިންޓްތައް މިހާރު ވަނީ ތޮއްޗެހި ވަރަށް ބޮޑަށް ބާރުބޮޑުވެފައި ކަމަށެވެ.

އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ލިބޭ ހިސާބުން އިންސާނީ އެހީގެ މަސައްކަތްތަކަށް މެންބަރު ގައުމުތަކުން އެއްބާރުލުން ދިނުމަށްވެސް ޝާހިދު ގޮވާލެއްވިއެވެ.

"ހަނގުރާމައަކުން ކާމިޔާބު ލިބޭނެ ހަމަ އެންމެ ބަޔަކުވެސް ނުތިބޭނެ. ނަމަވެސް ގުނާ އަދަދު ނުކުރެވޭހާ ގިނަ ދިރިއުޅުން ހަނގުރާމައިން ފަނާވެގެން ދާނެކަން ޝައްކެއްނެތް. އެހެންކަމުން އިންސާނިއްޔަތަށްޓަކައި ކުރެވޭ މަސައްކަތްތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަދި އެހީ ފޯރުވުމަށް ފުރުސަތު ލިބޭނޭކަން ޔަގީންކޮށްދޭން އެބަޖެހޭ," ޝާހިދު ވިދާޅުވިއެވެ.