ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް އަލުން މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންފި

Feb 25, 2022
12

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ތައިރޮއިޑް ފަރުވާއަކަށް މިއަދު ކުރެއްވި އޮޕަރޭޝަނަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ އެމަނިކުފާނު އަލުން ހަވާލުވެވަޑައިގެންފި އެވެ.

ރައީސް ސޯލިހް، ތައިރޮއިޑް ފަރުވާއަށް މިއަދު ކުރެއްވި އޮޕަރޭޝަނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމާ ހަވާލުކުރެއްވީ މިއަދު ހެނދުނު 6:00 ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ރައީސް ސޯލިހް އަލުން ހަވާލުވެވަޑައިގެންނެވީ ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ(ހ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެކަން ލިއުމުން އެންގެވުމަށްފަހު ހެނދުނު 9:30 ގައެވެ.

ސާޖަރީއަށްފަހު ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސާޖަރީ ނިމިފައިވާ ކަމަށާއި ހާލުކޮޅު ރަނގަޅު ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު މިވަގުތު އޮންނެވީ ރިކަވަރީގައި ކަމަށާއި ހެޔޮ ދުއާކޮށްދެއްވި އެންމެންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ތައިރޮޑް ފަރުވާ އަށް ރައީސް ސޯލިހް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހު އެވެ.

ރައީސް ސޯލިހް އެ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑޮކްޓަރުގެ ލަފާގެ މަތިން ތައިރޮއިޑް ފަރުވާ ފުރިހަމަކުރުމަށްފަހު ލަސްނުވެ މަސައްކަތަށް އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ މިމަހުގެ 10 ވަނަ ދުވަހު ނުރަސްވީ ދަތުރުފުޅެއްގައި ވެސް ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ރައީސްގެ ދެކަނބަލުން އެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވީ މި މަހުގެ 15 ވަނަ ދުވަހު އެވެ.