ރައީސް އަބްދުﷲ ޔާމީން

ގާސިމަށް ދޭނެ ފުރުސަތެއް ނެތް، 2023 އަށް ޕީޕީއެމުން ކެންޑިޑޭޓަކު ދައްކާނެ: ޔާމީން

ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ކެންޑިޑޭޓަކު ނުނެރޭނެ ކަމަށް ވިދާޅުވެ ބައެއް ބޭފުޅުން ވާހަކަ ދައްކަވާ ކަމަށް ވިދާޅުވެ އެ ބޭފުޅުންނަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަރުގަދަ ރައްދެއް ދެއްވައިިފި އެވެ.

ރައީސް ޔާމީން ވަނީ ވިލިގިލީގައި އޮތް "އިންޑިއާ އައުޓް" ހަރަކާތުގައި ޕީޕީއެމުން ކެންޑިޑޭޓަކު ނުނެރޭނެ ކަމަށް ވިދާޅުވެ ވާހަކަދައްކަވާ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެފަދަ ބޭފުޅުންގެ ވާހަކަތައް އަޑު ނޭއްސެވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. ޔާމީން ވިދާޅުވީ 2023 އަށް ޕީޕީއެމުން ކެންޑިޑޭޓަކު ދައްކާނެ ކަމަށެވެ. އަދި ޕީޕީއެމުން ގާސިމަށް ތަނަވަސް ކޮށްދޭނެ ފުރުސަތެއް ނެތް ކަމަށް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ޕީޕީއެމުން ކެންޑިޑޭޓަކު ނުނެރޭނެ ކަމަށާ އެންމެ ފަހު ވަގުތު ޕީޕީއެމްގެ ތާއީދު ލިބޭނީ ގާސިމް އިބްރާހިމަށް ކަމަށް ބައެއް ބޭފުޅުން ރައްޔިތުން ކައިރީ ބުނަމުންދާ ކަމަށާ ނަމަވެސް އެއީ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކަމުން ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމުން ނެރޭނެ ރިޔާސީ ކެންޑިޑޭޓުން އެބަތިބި ކަމަށާ ގާސިމަށް ތަނަވަސްކޮށްދޭނެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ނުދާނަން ޕީޕީއެމުން ނެރޭނެ ކެންޑިޑޭޓެއް ނެތިގެން ގާސިމް އިބްރާހިމް ނެރޭކަށް،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕްގައި އެމަނިކުފާނު ހުންނެވިހާ ދުވަހަކު އިންޑިއާ ސިފައިން މި ގައުމުގައި ބައިތިއްބައިގެން ގައުމަށް "ޣައްދާރު"ވީ އެއްވެސް ސިޔާސީ ލީޑަރަކާއެކު ގުޅުން ނުއުފައްދަވާނެ ކަމަށެވެ. އަދި ޕީޕީއެމަށް އެންމެ މުހިންމުވީ ވަގުތު އެ ޕާޓީ ދޫކޮށް ދިޔަ މެންބަރުންނަށް ދެން އެ ޕާޓީން މަރުހަބާ ނުކިޔާނެ ކަމަށެވެ. ރައީސް ޔާމީން އެ މެންބަރުން ސިފަ ކުރެއްވީ އޮޑި ފެތުނު ވަގުތު އޮޑި ސަލާމަތް ކުރުމުގެ ބަދަލުގައި ފުންމާލި މެންބަރުންގެ ގޮތުގައެވެ.

އަދި އެ މެންބަރުންނަށް އިޝާރާތް ކުރައްވާ ވިދާޅުވީ ދެން ރަނގަޅުވާނީ "ކުލީ ސިފައިން" ގެ ގޮތުގައި ތިއްބެވުން ކަަމަށެވެ. ރައީސް ޔާމީން އެ އިޝާރާތް ކުރައްވާ ޕީޕީއެމްގެ އިސް ސަފުގައި ތިއްބެވުމަށް ފަހު ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި މެންބަރުންނަށެވެ.