ފައްޔާޒް އިސްމާއީލް

ބޮޑު ވަފްދަކާއެކު ފައްޔާޒު މިލަންދޫއަށް

އެމްޑީޕީގެ ޗެެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕެއިން ލޯންޗުކުރުން މިރޭ ބޭއްވުމަށް ނިންމާފައިވާ ޖަލްސާއަށް ބޮޑު ވަފުދެއް މިލަންދޫއަށް ވަޑައިގެންފި އެވެ.

މިލަަންދޫ ބަނދަރު ސަރަހައްދުގައި ބާއްވާ މި އިވެންޓްގައި ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. މިއަދު ހަވީރު ފައްޔާޒުއާއެކު މަޖިލީސް މެންބަރުންނާއި އެމްޑީޕީގެ އިސް ބޭފުޅުން ވަނީ މިލަންދޫއަށް ވަޑައިގެންފައެވެ.

މިރޭގެ ޖަލްސާގައި ވަރަަށް ގިނަ އަދަދެއްގެ އާންމުން ބައިވެރިވާނެ ކަމަަށް ކެމްޕެއިން ޓީމުން ބުނެއެވެ.

އޭޕްރީލް 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ފައްޔާޒުއާ ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ އެވެ. ޗެެއާޕާސަންގެ އިންތިހާބުގެ ފޯރި މިހާރުވެސް ވަރަށް ގަދައެވެ. ވަރަށް ގިނަ ބަޔަކު ދަނީ ފައްޔާޒަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.

ފައްޔާޒު ވިދާޅުވީ އޭނާގެ އަމާޒަކީ ޕާޓީ އިތުރަށް ހަރުދަނާކުރުމާއި އެމްޑީޕީގެ ހެޔޮ ވެރިކަން ދެމެހެއްޓުން ކަމަށެވެ.

"ލޮބުވެތި މެންބަރުންގެ ތާއީދަށް އެދެން. މި އިންތިހާބުގެ ސަބަބުން ޕާޓީ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމާ މެދު ޝައްކެއް ނެތް،" ފައްޔާޒު ވިދާޅުވި އެވެ.

މި އިންތިހާބު ގިނަ ބަޔަކު ސިފަ ކުރަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް މިންވަރު ވަޒަން ކޮށްލެވޭނެ އިންތިހާބެއްގެ ގޮތުގައެވެ. މައުލޫމާތު ފެތުރޭ ގޮތުން ރައީސް ސޯލިހްގެ ތާއީދު އޮތީ ފައްޔާޒަށެވެ. ރައީސް ނަޝީދުގެ ތާއީދު އޮތީ އިމްތިޔާޒަށެވެ.