ޔުކްރެއިން

ޗާނަބިލް ނިއުކްލިއާ ރިއެކްޓަރުން ރޭޑިއޭޝަން ލީކުވަނީީ

ޔުކްރޭންގެ ޗާނަބިލްގައި ހުންނަ މަޝްހޫރު ޗާނަބިލް ނިއުކްލިއާ ޕްލާންޓުން ރޭޑިއޭޝަން ލީކުވާ މިންވަރު އިތުރުވެއްޖެ ކަމަށް އެގައުމުގެ ނިއުކްލިއާ އޭޖެންސީން ބުނެފި އެވެ.

ޗާނަބިލް ނިއުކްލިއާ ޕްލާންޓްގައި އޭޕްރީލް 26، 1986 ގައި ހިނގި އެކްސިޑެންޓަށް ފަހު އެއީ ބޭނުންކުރާ ތަނެއް ނޫނެވެ. އެހެން ނަމަވެސް އަދިވެސް ކޮންމެވެސް ވަރަކަށް އެތަނުން ރޭޑިއޭޝަން ލީކުވާ ކަމަށް އިދާރާތަކުން ބުނެ އެވެ.

ރޭޑިއޭޝަން ލީކުވޭތޯ ބެލުމަށް ޗާނަބިލް ސަރަހައްދުގައި ޗެކްޕޮއިންޓްތަކެއް ބަހައްޓާފައި ހުރެ އެވެ. ޔުކްރޭންގެ އިދާރާތަކުން މިޕޮއިންޓްތަކުގައި ރޭޑިއޭޝަން ހުންނަ ވަރު ބަަލައި ރެކޯޑް ކުރެ އެވެ.

ނިއުކްލިއާ ޕްލާންޓުން ރޭޑިއޭޝަން ލީކުވާ މިންވަރު އިތުރުވެފައި ވަނީ ރަޝިއާގެ އަސްކަރިއްޔާއިން އެސަރަހައްދަށް ވަދެގަނެ ކޮންޓްރޯލްކުރަން ފެށުމަށް ފަހު ކަމަށް ޔުކްރޭނުން ބުނެ އެވެ.

ޔުކްރޭންގެ އިދާރާތަކުން ބުނާ ގޮތުން ރޭޑިއޭޝަން ލީކުވާ މިންވަރު އިތުރުވި ސަބަބު ބެލޭނެ ގޮތެއް މިހާރަކު ނެތެވެ. އެއީ ރަޝިއާ ސިފައިންގެ ބާރުގެ ދަށުގައި އެތަން އޮތުމުންނެވެ.

ޗާނަބިލް ނިއުކްލިއާ ޕްލާންޓް ޔުކްރޭންގެ އަތުން ދޫވެގެން ގޮސްފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީން ބުނީ ރޭޑިއޭޝަން ލީކުވުމަކީ ބިރުބޮޑު ކަމެއް ކަމަށާއި ސަބަބު ރަނގަޅަށް ބަލަން ޖެހޭ ކަމަށެވެ.

މިއީ ފަހަރެއްގައި ޔުކްރޭނުން ހަދައިގެން ދައްކާ ވާހަކައަކަށް ވެސް ވެދާނެ އެވެ. އެއީ ރޭޑިއޭޝަން ލީކުވާ ތަނެއްކަން އެނގިއްޖެ ނަމަ ރަޝިއާ ސިފައިން އެތަން ދޫކޮށް ހިނގައިދާނެ ކަމުގެ އުންމީދުގައި ދައްކާ ވާހަކައަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.