ދުނިޔެ

އީރާންގެ ރައީސް، ރައީސީއަށް ފަރަންސޭސި ރައީސް މެކްރޮންގެ ފޯނުކޯލެއް

އީރާންގެ ރައީސް އިބްރާހީމް ރައީސީ އަށް ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން ފޯނުކޯލެއް ކުރެއްވި ސަބަބާ މެދު ދުނިޔެ ދެލޯބޮޑުވެއްޖެ އެވެ.

އިބްރާހީމް ރައީސީގެ އޮފީހުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވާ ގޮތުން -- ދުޝްމަނުން ކިތަންމެ ހައިރާނެއްވިއެއް ކަމަކު ދެ ރައީސުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި އެއީ ދެ ގައުމުގެ ދެމެދުގައި ރަނގަޅު ގުޅުމެއް އޮތް ކަމުގެ ނިޝާނެއް ކަމަށެވެ.

ހުޅަނގަށް ބުރަވާ ނޫސްތައް ބުނާ ގޮތުން ރައީސީއަށް މެކްރޮން ގުޅުއްވީ އިންޒާރު ދެއްވުމަށެވެ. އެއީ ޔުކްރޭން ހަނގުރާމާގައި ރަޝިއާއަށް އަސްކަރީ ގޮތުން އަދި އެ ނޫން ގޮތަކުންވެސް އެހީތެރިނުވުމަށް ދެންނެވުމަށެވެ.

އީރާނުން ނިއުކްލިއާ ޑީލެއް ނުހަދައިފިނަމަ ކަންތައްތައް ދެން ބަދަލުވެގެން ދާނީ ހީނުކުރާ ކަހަލަ ގޮތަކަށް ކަމަށް މެކްރޮން، ރައީސީއަށް ދެންނެވި ކަމަށްވެ އެވެ. އީރާނަށް އިގުތިސާދީ ގޮތުން ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަށް އިހުނަށް ވުރެ ވަރުގަދަ ވެދާނެ ކަމަށް ވިދާޅުވެ މެކްރޮން، ރައީސީއަށް އިންޒާރު ދެއްވި ކަމަށް ރޮއިޓާސް އިން ވެސް އޮތީ ރިޕޯޓްކޮށްފަ އެވެ.

އީރާނުގައި އުފައްދާ އަސްކަރީ ދަރަޖައިގެ ޑްރޯންތައް ރަޝިއާއަށް ފޯރުކޮށްދިނުމަކީ އެދެވޭ ކަމެއް ނޫން ކަމަށް މެކްރޮންގެ އޮފީހުން ބުނި ކަމަށްވެ އެވެ. ރަޝިއާއާ އެކު އަސްކަރީ އެއްބަސްވުންތައް ހަދައި ވާގިވެރިވުމަކީ ޔޫރަޕުން ގަބޫލުކުރާ ސިޔާސަތެއް ނޫން ކަމަށްވެސް ފަރަންސޭސި އޮފީހުން ބަޔާންކުރި އެވެ.

އެކަމަކު އިބްރާހީމް ރައީސީގެ އޮފީހުން ބުނި ގޮތުން ހުޅަނގުން އެބުނާ ބާވަތުގެ އިންޒާރުތަކެއް މެކްރޮން ނުދެއްވަ އެވެ. ދެ ލީޑަރުންގެ މަޝްވަރާގައި އެ މައުލޫތަކަށް އަލިއަޅުވާލި ނަމަވެސް -- ބޮޑަށް ވާހަކަދެކެވުނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ކަމަށް ބަޔާނުގައިވެ އެވެ.

އީރާނާ މެދު ޔޫރަޕްގެ ގައުމުތަކުން ދެކެނީ އެންމެ އެދެވެ ގޮތަށް ނޫން ކަމަށް މެކްރޮން އަށް ރައީސީ ދެންނެވި އެވެ. އީރާނަކީ ދުޝްމަނުން ހޯދަން ދުވާ ގައުމެއް ނޫން ކަމަށްވެސް ރައީސީ ވިދާޅުވި އެވެ. އީރާނާ އެކު ގާތް ގުޅުމެއް ބާއްވަން އެދޭ ކޮންމެ ގައުމަކާ އެކު ގާތް ގުޅުން ބާއްވާނެ ކަމަށް ރައީސީ ދެންނެވި އެވެ.

އީރާންގެ ނިއުކްލިއާ މަޝްވަރާތައް ހުއްޓިފައި އޮތީ އީރާންގެ އިހުމާލުން ނޫން ކަމަށް ވެސް ރައީސީ ވިދާޅުވި އެވެ. ދުނިޔެ ގަބޫލުކުރާ ނިއުކްލިއާ ޑީލެއް ހަދާއިރު -- އެއިން އިރާނަށް ވެސް ކޮންމެވެސް ފައިދާއެއް ކުރަން ޖެހޭ ކަމަށް ރައީސީ ދެންނެވި އެވެ.

އީރާން އަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއް ކަމަށް އދ. ގަބޫލުކުރާ ހުރިހާ ގައުމަކުން ބަލައިގަންނަ ކަމަށް ރައީސީ ވިދާޅުވި އެވެ. ހުޅަނގުން އެދޭހާ ގޮތަކަށް އީރާނަށް ކަން ނުކުރެވޭ ސަބަބަކީ އަޅުވެތި ގައުމަކަށް ނުވުން ކަމަށްވެސް ރައީސީ ވިދާޅުވި އެވެ.