ދުނިޔެ

ޔުކްރޭނަށް ސިފައިން ނުފޮނުވާނަމެކޭ ނުބުނަން: މެކްރޮން

ޔުކްރޭން ސިފައިންނާ އެކު ރަޝިއާއާ ހަނގުރާމަކުރަން ފަރަންސޭސިވިލާތުން ސިފައިން ފޮނުވާ ގޮތަށް އަދި ހަމަޖެހިފައި ނުވާ ކަމަށް ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.

މެކްރޮން ވިދާޅުވީ ފަރަންސޭސިވިލާތުން ޔުކްރޭނަށް ސިފައިން ނުފޮނުވާ ގޮތަށްވެސް އަދި ހަމަނުޖެހޭ ކަމަށެވެ.

މެކްރޮން ވިދާޅުވި ގޮތުން ޔުކްރޭނަށް ސިފައިން ފޮނުވުމަކީ އޮތް ފުރުސަތެކެވެ. އެކަމަކު އެއީ ޔޫރަޕިއަން ޔޫނިއަންގައި މަޝްވަރާކުރެވިގެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފަރަންސޭސިވިލާތުގެ ވިސްނުމަކީ -- މެކްރޮން ވިދާޅުވި ގޮތުން ރަޝިއާ މޮޅުވާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދިނުމެވެ.

ޔުކްރޭނަށް ޔޫރަޕުން ސިފައިން ފޮނުވަން ޖެހިއްޖެ ހާލަތެއްގައި އަދި އެއީ ކަށަވަރުކަމާ އެކު ރަޝިއާ ބަލިކުރެވެން އޮތް ގޮތް ކަމަށްވާނަމަ، އެކަމާ މަޝްވަރާކުރައްވާނެ ކަމަށް މެކްރޮން ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމައާ މެދު މުޅި ދުނިޔެ ގަބޫލުކުރަނީ އެއީ ރަޝިއާ ބަލިކުރަން ޔުކްރޭން މެދުވެރިކޮށް އެމެރިކާއާއި ޔޫރަޕުން ކުރާ ހަނަގުރާމައެއް ކަމަށެވެ.

އިގުތިސާދީ ގޮތުން އަދި އަސްކަރީ ގޮތުން ރަޝިއާ ބަލިކުރަން ރާވަންޖެހޭ ހުރިހާ ރޭވުމެއް ރާވަނީ އެމެރިކާ އެވެ. އެމެރިކާ ފަހަތުން ކުޅިގަނޑުގައި ވައިހިއްޕައި ހިންގަނީ އިނގިރޭސިވިލާތައި ޔުރަޕިއަން ޔޫނިއަނުންނެވެ.

އެމެރިކާއާއި ރަޝިއާ ދެމެދު، ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިންވެސް އޮތް ވާދަވެރިކަން މިހާރު މިއޮތީ ހަނގުރާމައަށް ބަދަލުވެފަ އެވެ. މި ދެ ގައުމުގެ ގުޅުން މިހާ ހިސާބަށް ދާން ޖެހުނު އެންމެ ބޮޑު ސަބަަބަކީ ދުނިޔެވީ ގޮތުން އެއްބަޔަކަށް ވުރެ އަނެއް ބަޔަކު ކުރިއަރައި ދާން ބޭނުންވުމެވެ.

ރަޝިއާ ބުނާ ގޮތުން އެންމެ ބޮޑު ޝައިތާނަކީ އެމެރިކާ އެވެ. ބައިގަނޑު ބޮޑުކޮށްގެން ރަޝިއާއާ ދެކޮޅަށް ކުޅެނީ އެމެރިކާގެ އަމިއްލަ އެދުން ބޮޑުކަމުންނެވެ.

އެމެރިކާއާ ގުޅިގެން އިޚުލާސްތެރިކަމާ އެކު ކަމެއް ކުރަން އުޅުނު ނަމަވެސް އެމެރިކާއިން ހިޔަޅު ނުހަދައި އެއްވެސް ކަމެއް ނުކުރާ ކަމަށްވެސް ރަޝިއާ ބުނެ އެވެ.

އެމެރިކާގެ ބުނުމަކީ އެމެރިކާގެ ކުރިއެރުމަށް ކޮންމެ ކަމެއް ކުރަން ޖެހުނަސް އެކަމެއް ކުރުމުގައި ދެމިއޮންނާނެ ކަމަށެވެ.