ދުނިޔެ

ފަރަންސޭސިވިލާތާ ހެދި ފެށޭނީ ތިންވަނަ ބޮޑު ހަނގުރާމަ: ރިޕޯޓް

ހުޅަނގުގެ ގައުމުތަކުން ޔުކްރޭނަށް ސިފައިން ފޮނުވުމަކީ ރަޝިއާ ބަލިކުރަން އޮތް މަރުހަލާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފަރަންސޭސިވިލާތުގެ ހާރިޖީ ވަޒީރު ސްޓެފޭން ޝޭޖަނޭ ވިދާޅުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސްޓެފޭން ޝޭޖަނޭ މިހެން ވިދާޅުވުމުގެ އިތުރުން އެކުވެރި ގައުމުތަކަށް ދަތުރުކުރައްވައި އޭނާ ގެންދަވަނީ ޔުކްރޭނަށް ސިފައިން ފޮނުވުމަށް އޮތް ތާއީދު ބައްލަވަމުންނެވެ.

މިއީ ޔުކްރޭނަށް ސިފައިން ފޮނުވަން ބައިއަތުހިފާނެ ގައުމުތައް ހޯދައި ކޯލިޝަނެއް -- ފަރަންސޭސިވިލާތުން އިސްނަގައިގެން -- އުފެއްދުމަށް ވަޒީރު ކުރައްވާ މަސައްކަތްތަކެކެވެ.

ފަރަންސޭސިވިލާތުގައި މިހާރު އޮތް ސަރުކާރުން ޔުކްރޭނަށް ވަރަށް ބޮޑަށް ތާއީދުކުރެ އެވެ. ރަޝިއާއާ ދެކޮޅަށް ޔުކްރޭން ކުރާ ހަނގުރާމައިގައި، ރަޝިއާގެ އަމާޒުތަކަށް ހަމަލާދިނުމަށް ހަތިޔާރު ފޯރުކޮށްދިނުމާއި އަދި އެ ގޮތުގައި ދެމިއޮތުމަށް ރައީސް އިމަނުއެލް މެކްރޮންގެ ސަރުކާރު އޮތީ ހުވައިކޮށްގެންނެވެ.

ފަރަންސޭސިވިލާތުގެ ހާރިޖީ ވަޒީރު ލިތުއޭނިއާއަށް މިހާރު ކުރައްވާ ދަތުރުގައި ބަލްޓިކަށް ނިސްބަތްވާ ގައުމުތަކުގެ ހާރިޖީ ވަޒީރުންނާ ބައްދަލުކުރައްވާނެ އެވެ. އަދި މި ބައްދަލުވުންތަކުގައި ޔުކްރޭންގެ ހާރިޖީ ވަޒީރާއި އެ ވުޒާރާގެ އިސް އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ޝޭޖަނޭ ވިދާޅުވި ގޮތުން ޔުކްރޭނަށް ސިފައިން ފޮނުވި ނަނަވެސް، އަމަލީ ގޮތުގައި ހަނގުރާމައިގެ މައިދާނަށް ހުޅަނގުން ސިފައިން ނެރުމަކީ މިވަގުތަށް އެޖެންޑާގައި އޮތް ކަމެއް ނޫނެވެ.

އެއްގަމު މައިން ސާފުކުރުން އަދި ޔުކްރޭން ސިފައިންނަށް ގެއްލުން ދިނުމަށް ރަޝިއާ ސިފައިން ޖަހާފައި ހުރި ދަންތުރަތައް ސާފުކުރުމަކީވެސް އަސްކަރީ ތަޖުރިބާކާރުންގެ އެހީ ބޭނުންވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރޭނަށް ސިފައިން ފޮނުވުމަކީ ޖަރުމަނާއި ޗެކް ރިޕަބްލިކް އަދި ޕޮލޭންޑުން ދެކޮޅު ހަދާ ކަމެކެވެ. ނަމަވެސް އެސްޓޯނިއާ، ލެޓްވިއާ އަދި ލިތުއޭނިއާ ފަދަ ބައެއް ގައުމުތަކުން މިކަމާ މެދު ދެކެނީ އެންމެ ރަނގަޅު ކަމެއް ގޮތުގައެވެ.

ފަރަންސޭސިވިލާތުން މަޑުމަޑުން އޮވެގެން ރާވަމުންދާ މި ރޭވުންތަކުގެ ސަބަބުން މުޅި ޔޫރަޕަށް ހަނގުރާމައިގެ ތޫފާނެއް އަރާފާނެ ކަމަށް ތަޖުރިބާކާރުން އިންޒާރުދިން ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ފަރަންސޭސިން ގެންގުޅެނީ ހިޔަޅުކަން ބޮޑު ފިކުރުތަކެކެވެ.

ހުޅަނގުގެ އެއްވެސް ގައުމަކުން ޔުކްރޭނަށް ސިފައިން ފޮނުވައިފިނަމަ އެ ގައުމަކަށް ހަމަލާދޭނެ ކަމަށް ރަޝިއާ ބުނެ އިއުލާންކޮށްފައި އޮތްއިރު، ފަރަންސޭސިވިލާތުން ހިފެހެއްޓުމެއް ނެތި ރާވަމުން ގެންދާ ރޭވުންތަކުން ތިންވަނަ ބޮޑު ހަނގުރާމަ ފެށުމަކީ ދުރުވިސްނޭ މީހުން ދީފައި އޮތް އިންޒާރެކެވެ.