ދުނިޔެ

ނިއުކްލިއާ އިދާރާގެ ވެރިޔާ މަޝްވަރާއަށް ރަޝިއާ އަށް

އދ.ގެ ނިއުކްލިއާ އިދާރާ އިންޓަނޭޝަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ)ގެ ޑައިރެކްޓަރު ޖެނެރަލް ރަފޭލް ގްރޯސީ މިހާރު އުޅުއްވަނީ ޔުކްރޭންގައި -- ޒަޕޮރޮއްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓްގެ ހާލުބެލުމުގަ އެވެ.

ރަޝިއާ - ޔުކްރޭން ހަނގުރާމައިގެ މައިގަނޑު އަމާޒަކަށް ވެފައި ހުރި ޒަޕޮރޮއްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓުން ނިއުކްލިއާ ރޭޑިއޭޝަން ލީކުވެދާނެ ކަމަށް އޮތް ބިރަށްޓައި އައިއޭއީއޭ އިން ދަނީ އެ މަރުކަޒަށް ވަރަށް ބޮޑަށް ސަމާލުވަމުންނެވެ.

ރަފޭލް ގްރޯސީ ޔުކްރޭނަށް ވަޑައިގެން އެ ގައުމުގެ ރައީސް ލަޑިމިއާ ޒެލެންސްކީއާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވި އެވެ.

ގްރޯސީ ވިދާޅުވި ގޮތުގައި ދެން އޮތީ ރަޝިއާ އަށް ވަޑައިގަތުމެވެ. އެއީ ރަޝިއާގެ ވެރިންނާ އެކު ޒަޕޮރޮއްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށެވެ.

ޒަޕޮރޮއްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓް މިހާރު ވެސް ހުރީ ރަޝިއާ ސިފައިންގެ ބެލުމުގެ ދަށުގަ އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ އެންމެ ފުރަތަމަ މިސްރާބުޖެހި މަންޒިލްތަކުގެ ތެރޭގައި ޒަޕޮރޮއްޒިއާ ޕަވާ ޕްލާންޓް ހިމެނެ އެވެ.

ޒަޕޮރޮއްޒިއާ ޕަވާ ޕްލާންޓްގެ ހާލަތާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށްވެސް ޑައިރެކްޓަރު ޖެނެރަލް ނޫސްވެރިންނަށް ދެންނެވި އެވެ. އޭނާ ވިދާޅުވި ގޮތުން އެ ތަނަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ -- ރަޝިއާ، ޔުކްރޭންގެ ސިފައިން ކުރިމަތިލުމުގައި ނިއުކްލިއާ ޕަވާ ޕްލާންޓަށް ހަމަލާއެއް އަރައި ބޮޑެތި ގެއްލުތަކެއް ލިބުމެވެ.

ރަޝިއާ ސިފައިން ޒަޕޮރޮއްޒިއާ ޕަވާ ޕްލާންޓްގައި ހަތިޔާރު ރައްކާކުރާ ކަމަށް އަޑުއިވޭ ކަމަށް ނޫސްވެރިން ގްރޯސީ އަށް ދެންނެވުމުން އޭނާ ވިދާޅުވީ އައިއޭއީއޭގެ އެއްވެސް އޮފިޝަލަކަށް ޒަޕޮރޮއްޒިއާ ޕަވާ ޕްލާންޓުން ހަތިޔާރު ފެނިފައި ނުވާ ކަމަށެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން އަބަދުވެސް ބުނަނީ ޒަޕޮރޮއްޒިއާ ޕަވާ ޕްލާންޓަށް ގޯނާއެއް ކުރަންޏާ ކުރާނީ ޔުކްރޭންގެ ނޫސްވެރިން ކަމަށެވެ. ރަޝިއާ ސިފައިން ޒަޕޮރޮއްޒިއާ ޕަވާ ޕްލާންޓުން ބޭރުކުރުމަށް ޔުކްރޭން ސިފައިން ބަރުހަތިޔާރު ބޭނުންކުރާ ކަމަށްވެސް މޮސްކޯ އިން ކަށަވަރުކޮށްދެ އެވެ.

ޒަޕޮރޮއްޒިއާ ޕަވާ ޕްލާންޓްގައި އެއްވެސް ވަރަށް ހަތިޔާރު ގުދަންކުރެވިގެން ނުވާނެ ކަމަށް ޑައިރެކްޓަރު ޖެނެރަލް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެ އިދާރާގެ އޮފިޝަލުންނަށް ހަތިޔާރު ފެނިފައި ނުވުމަކީ ޒަޕޮރޮއްޒިއާ ޕަވާ ޕްލާންޓްގައި ހަތިޔާރު ނެތް ކަމަށް ނިންމަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ރަފޭލް ގްރޯސީ ވިދާޅުވި ގޮތުގައި ރަޝިއާ އަށް ވަޑައިގެން ޒަޕޮރޮއްޒިއާ ޕަވާ ޕްލާންޓްގެ ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށް މަތީ ފެންވަރުގެ މަޝްވަރާ ބައްދަލުވުން ތަކަކަށް އުންމީދުކުރައްވާ ކަމަށެވެ.