ދުނިޔެ

ނިއުކްލިއާ ހަނގުރާމައަކުން އެއްވެސް ބަޔަކު މޮޅެއް ނުވާނެ: ޗައިނާ

ނިއުކްލިއާ ގައުމަކަށް ވުމަކީ ޝަރަފެއް ނޫން ކަމަށާއި އެއީ ބޮޑެތި ހަނގުރާމަތަކުން ދުރުހެލިވުމަށް -- ދުޝްމަނުންގެ ކިބައިން ރައްކާތެރިވުމަށް ލިބިގަންނަން ޖެހޭ ގާބިލުކަމެއް ކަމަށް ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން މައޯ ނިންގް ވިދާޅުވެއްޖެ އެވެ.

މައޯ ނިންގް ވިދާޅުވި ގޮތުން ނިއުކްލިއާ ހަނގުރާމައަކުން އެއްބަޔަކުވެސް މޮޅެއް ނުވާނެ އެވެ. މިހެން ކަން އޮތުމުން ހަމަނުޖެހުންތަކާ ދުރުހެލިވެ ތަރައްގީއަށް މަސައްކަތްކުރުން އައުލާކަން ބޮޑު ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނިއުކްލިއާ ބާރަކަށްވުމުން ޖެހިލުންވާ ބަޔަކު ތިބޭނެ ކަމަށެވެ.

ނިއުކްލިއާ ބާރަކުން ނިއުކްލިއާ ބާރަކަށް ހަމަލާދިނުމަކީ ދުނިޔޭގައި ދެން ބާކީ އޮތް ބައިވެސް ނެތިގެން ދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމައިގައި ހުޅަނގުގެ ހުރިހާ ތާއީދެއް އޮތީ ޔުކްރޭނަށެވެ. ހުޅަނގުގެ ގައުމުތަކުން ޔުކްރޭންގެ މައްޗަށް ބާރު ހިންގުން ދޫކޮށްނުލައި އަސްކަރީ ގޮތުން އެހީތެރިވަމުންދާނަމަ ނިއުކްލިއާ ބޭނުންކުރަން ޖެހިދާނެ ކަމަށް ރަޝިއާ އޮތީ ބުނެފަ އެވެ.

ރަޝިއާ އިން ބުނީ ޔުކްރޭން ހަގުރާމައިގެ ތެރެއަށް ހުޅަނގުން ވަދެގަނެ އެއްގަމު މަގުން ޔުކްރޭނަށް ސިފައިން ފޮނުވައިނަމަ އެ ގައުމަކާ ދެކޮޅަށް ނިއުކްލިއާ ބޭނުންކުރާނެ ކަމަށެވެ.

ޔުކްރޭން ހަނގުރާމަ އަކީ ނޭޓޯ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް ކުރުވާ ހަނގުރާމަ އެކެވެ. މި ހަނގުރާމައަށް ދެ އަހަރު ފުރިގެން ދާއިރު ސުލްހަވުމުގެ ބަދަލުގައި، ބާރުގަދަ ގައުމުތަކުން މަސައްކަތްކުރަނީ ހަނގުރާމަ ފުޅާކުރުމަށެވެ.

ޗައިނާގެ ހާރިޖީ ވުޒާރާއިން މި މޭރުމުން ވާހަކަދެއްކި ސަބަބެއް ކަމަށް ބެލެވެނީ ވެސް، ރަޝިއާ އިން ނިއުކްލިއާ ބޭނުންކުރާނެ ކަމަށް ބުނުމެވެ.

ނިއުކްލިއާ ސިނާއަތުގައި އެންމެ ބާރުގަދަ ގައުމަކީ ރަޝިއާ އެވެ. މީގެ މާނަ އަކީ ރަޝިއާއަށް ނިއުކްލިއާ ހަމާލާއެއް ދީފިނަމަ ފަސޭހަކަމާ އެކު ސަލާމަތްވާނެ ވާހަކައެއް ނޫނެވެ.

ޗައިނާއިން ބުނި ގޮތަށް، ނިއުކްލިއާ ހަނގުރާމައެއް ފަށައިފިނަމަ އެ ކަމުގައި ޝާމިލުވާ އެއްވެސް ބަޔަކު ސަލާމަތެއް ނުވާނެ އެވެ.

ނިއުކްލިއާ ހަމަލާއެއް އަރައިފިނަމަ އަމިއްލަ ހާލަތައް ވެސް ކެތްނުވާ ވަރުގެ ބޮޑެތި ގެއްލުންތައް ތަޖުރިބާކުރަން ޖެހޭނެ އެވެ.

ގަބޫލުކުރެވޭ ގޮތުގައި ޔުކްރޭން ހަނގުރާމާގައި ރަޝިއާއާއި ދެކޮޅަށް ހުޅަނގުން ސިފައިން ފޮނުވަން ބޭނުން ނުވަނީވެސް، ރަޝިއާ އަކީ ނިއުކްލިއާ ގައުމަކަށް ވާތީ އެވެ.