ދުނިޔެ

ޔުކްރޭނަށް ނިއުކްލިއާ ބޭނުންވަނީ ކީއްވެތޯ އުތުރު ކޮރެއާ ސުވާލުކޮށްފި

ނިއުކްލިއާ ބާރު ލިބިގަތުމަށް ޔުކްރޭންގެ ވެރިން ގެންގުޅޭ ވިސްނުމުގެ ސަބަބުން މިހާރުވެސް ވިރާނާވެފައި އޮތް ޔުކްރޭންގެ ހާލަތު ވާނީ ގޯސް ކަމަށް ވިދާޅުވެ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ކޮއްކޮ، ކިމް ޔޯ ޖޮންގް ޔުކްރޭންގެ ރައީސް ޒެލެންސްކީއަށް ފާޑުވިދާޅުވެއްޖެ އެވެ.

ޔުކްރޭންގެ އުންމީދަކީ ނިއުކްލިއާ ހަތިޔާރުގެ ހިޔަނީގައި ރަޝިއާ ބަލިކުރުން ކަމަށްވާ ނަމަ އެކަން ވާނީ ހުވަފެނުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޔުކްރޭނުން ނިއުކްލިއާ ބާރުވެރިކަން ހޯދުމުގެ ބޭނުމަކީ ރަޝިއާ ދުރުގައި ބޭއްވުމެވެ. އަމިއްލައަށް ނިއުކްލިއާ ހަތިޔާރު އުފެއްދޭވަރު ނުވާ ނަމަ ޒެލެންސްކީގެ ވިސްނުމަކީ އެމެރިކާގެ ނިއުކްލިއާ ހަތިޔާރު ޔުކްރޭންގައި ބެހެއްޓުމެވެ.

ޒެލެންސްކީގެ މި ވިސްނުމަށް ގައުމުގެ ތެރެއިންނާއި ބޭރުން ފާޑުކިޔުން އަމާޒުވެފައި އޮތްއިރު ކިމް ޔޯ ޖޮން ޒެލެންސްކީއާ ކުރައްވަނީ ސުވާލެކެވެ.

އޭނާ ވަނީ ގައުމު ވެއްޓިފައި އޮތް ވަޅުގަނޑު އަދިވެސް ތިލައީތޯ ޒެލެންސްކީއާ ސުވާލުކުރައްވާފަ އެވެ.

ރައީސް ކަމުގެ މަގާމުގައި ޒެލެންސްކީއަށް ދެން ހުންނެވޭނީ ކިތައް ދުވަސް ވަންދެން ކަން އެނގިވަޑައި ނުގަންނަވާއިރު ޔުކްރޭންގެ ރައްޔިތުންނަށް އިތުރު ދެރައެއް އިޚުތިޔާރު ކުރެއްވުމަކީ ލަދުވެތި ކަމެއް ނޫންތޯ ވެސް ކިމް ޔޯ ޖޮން ސުވާލުކުރައްވަ އެވެ.

ރަޝިއާ ބަލިކުރެވޭނެ ކަމަށް ވިސްނުމަކީ ވެސް ޔުކްރޭންގެ ވެރިންގެ ބުއްދީގައި ހުރި ބަލިމަޑުކަމެއް ގޮތުގައި ކިމް ޔޯ ޖޮން ފާހަގަކުރެއްވި އެވެ.

ޔުކްރޭންގައި ނިއުކްލިއާ ހަތިޔާރު ބަހައްޓައިގެން އެ ބަލިމަޑުކަން ދެންވެސް ވާނީ ގޯސް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރޭން މިހާރު އޮތް ހާލަތަކީ ގައުމުގެ އިސް ސަފުގައި ތިއްބެވި ބައެއްގެ ސަބަބުން މެދުވެރިވެފައި އޮތް ހާލަތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ދެން އޮތް ބިރުވެރި ހާލަތަކީ ވެސް އާންމު ރައްޔިތުން އެދޭނެ ގޮތް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.