ޔުކްރޭން ހަނގުރާމައަށް މިހާތަނަށް އައިއިރުވެސް "ޓެކްޓިކަލް ނިއުކްލިއާ ވެޕަންސް" -- ފަނާކުރުމުގެ ބާރު ނެތް ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމަށް އެއްވެސް ހާޖަތެއް ޖެހިފައި ނުވާ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.
ޓެކްޓިކަލް ނިއުކްލިއާ ވެޕަންސް އަކީ ހަނގުރާމަތަކުގައި ހާލަތަށް ބަލައި ބޭނުންކުރާ ބާވަތެއްގެ ހަތިޔާރެކެވެ. މިއީ ރޭޑިއޯއެކްޓިވް މާއްދާތައް ވަރަށް މަދު މިންވަރަކަށް ހިމަނައިގެން އުފައްދާފައި ހުންނަ ހަތިޔާރެކެވެ.
މިފަދަ ހަތިޔާރުތަކުގެ ތެރޭގައި ބޮމާއި މިސައިލް އަދި އުންޑަ ހިމެނެ އެވެ. މި ބާވަތުގެ ހަތިޔާރުގައި ހުންނަ ނިއުކްލިއާ ބާރުގެ ސަބަބުން ދެމެހެއްޓެނިވި ބޮޑެތި ގެއްލުންތަކެއް ނުލިބޭ ކަމަށް ފަންނީ މާހިރުން ވިދާޅުވެ އެވެ. ނަމަވެސް މިއީ ބޭނުންކުރުން ހައްދުކުރެވި އަދި އިތުރު އެހެން ގޮތެއް ނެތުމުން ނޫން ގޮތަކަށް ބޭނުންކުރުން މަނާ ހަތިޔާރެކެވެ.
ޕޫޓިން ވިދާޅުވި ގޮތުގައި ޔުކްރޭންގައި އެއްވެސް ބާވަތެއްގެ ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ހުއްދަ ނުދެއްވީ އެއިން ލިބޭ ގެއްލުން ރަޝިއާ ސިފައިން މިހާރު ބޭނުންކުރާ ހަތިޔާރުތަކުން ލިބޭ ގެއްލުމަށް ވުރެ ބޮޑުވާނެތީ އެވެ. އަދި ނިއުކްލިއާގެ އަސަރު އެ ސަރަހައްދެއްގައި ހުއްޓައި ހަނގުރާމައާ ގުޅުމެއް ނެތް މީހަކަށްވެސް ގެއްލުންތަކެއް ލިބިދާނެތީ ބޭނުންނުކުރެއްވީ ކަމަށް ޕޫޓިން ވިދާޅުވި އެވެ.
ޕޫޓިން އަދި ވިދާޅުވީ ފަނާކުރަނިވި ހަތިޔާރު ބޭނުންކުރުމަށް އެއްވެސް ހާޖަތެއް ޖެހި އެކަމާ މެދު މަޝްވަރާވެސް ކުރެވިފައި ނުވާ ކަމަށެވެ.
ޔުކްރޭން ހަނގުރާމައިގެ ސަބަބުން ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ޖެހިދާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޕޫޓިން ވިދާޅުވީ ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ރަޝިއާ ވިސްނާ އޮތީ ހަމަ އެއްމެ ހާލަތެއް ކަމަށެވެ.
ރަޝިއާ ސިފައިން ނިއުކްލިއާ ހަތިޔާރު ބޭނުންކުރާނީ ގައުމުގެ މިނިވަންކަމަށް ބަޔަކު ގޯނާކުރާ ހިސާބުން ކަމަށް ޕޫޓިން ވިދާޅުވި އެވެ. ދައުލަތުގެ ބާރުކެނޑި މިނިވަންކަން ގެއްލޭ ހިސާބުން ދެން އޮންނާނީ ގައުމު ދިފާއުކުރުން ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަޝިއާއަށް ނިއުކްލިއާ ހަމަލާއެއް ބަޔަކު ދިން ނަމަވެސް އެއަށް ވުރެ ގަދަފަދަ ރައްދު ހަމަލާތަކެއް ދިނުމަށް ރަޝިއާ މިހާރުވެސް ތައްޔާރު ކަމަށެވެ. ދުނިޔޭގެ އެއްވެސް ގައުމަކުން ނިއުކްލިއާ ހަތިޔާރުގެ ރާސްތާގައި ރަޝިއާ ބަލިނުކުރެވޭނެ ކަމަށްވެސް -- ފަހުރުވެރިކަމާ އެކު ޕޫޓިން ވިދާޅުވި އެވެ.
އެމެރިކާ އަކީ ވެސް ނިއުކްލިއާ ގައުމެއް ނަމަވެސް ނިއުކްލިއާ ހަނގުރާމައެއް މާދަމާ ފެށޭވަރު އެ ގައުމަށް ވެސް ނުވާނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ.