ދުނިޔެ

ސްވިފްޓް ނިޒާމުން ރަޝިއާ ބޭރުކޮށްލަން ކެރޭނެތަ؟

ރަޝިއާގެ އަސްކަރިއްޔާއިން ޔުކްރޭންގައި މިހާރު އެ ހިންގަނީ އެ ސަރަހައްދުގައި ބޮޑު ހަނގުރާމައެއް ފެށުނަ ނުދިނުމަށް ހިންގާ ޚާއްސަ އޮޕަރޭޝަނެއް ކަމަށް ރަޝިއާ ބުނެ އެވެ. އެއީ ހަނގުރާމައެއް ނޫން ކަމަށް ރަޝިއާ އޮތީ ބުނެފަ އެވެ.

އެކަމަކު މުޅި ދުނިޔެ އެކަން ގަބޫލެއް ނުކުރެ އެވެ. ގަބޫލުކުރަނީ ޔުކްރޭން ނައްތާލަން ރަޝިއާ ހިންގާ ޖަރީމާތަކެއް ގޮތަށެވެ. ނުވަތަ ޔުކްރޭންގެ ވެރިކަން ބަދަލުކޮށް ރަޝިއާ އެދޭ ސިޔާސީ ކުލަވަރު ޔުކްރޭންގައި ޖެއްސުމަށް ހިންގާ ޣައިރު ގާނޫނީ އޮޕަރޭޝަނެއް ގޮތަށެވެ.

ރަޝިއާގެ މި އަމަލުތަކަށް އަދަބު ދިނުމަށް މުޅި ދުނިޔެ ގެންދަނީ އެކައްޗެއް ކިޔަމުންނެވެ. ރަޝިއާއަށް ހިރިނުލެވޭ ވަރު ކުރުމަށް އިގުތިސޯދީ ގޮތުން ދަތިކުރަން އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަނުން އެޅި ފިޔަވަޅުތައް އެއާލައިންތަކުން ފެށިގެން ވަކިވަކި ފަރުދުން ހުރަސްކޮށް ގޮސް ބޭންކްތަކާ ހަމައަށް މިހާރު އޮތީ ފޯރާފަ އެވެ.

އެމެރިކާ އާއި އިނގިރޭސިންގެ އެދުމަކީ ދުނިޔޭގެ މާލީ ނިޒާމުން ރަޝިއާ ގެއްލުވާލުމެވެ. އެމެރިކާ އާއި އިނގިރޭސިން ބޭނުންވާ ފެންވަރުގައި މާލީ ގޮތުން ރަޝިއާއަށް ދަތިކުރެވެން އޮތީ "ސްވިފްޓް އިންޓަނޭޝަނަލް ޕޭމަންޓް ސިސްޓަމް"އިން ރަޝިއާ ބޭރުކޮށްލައިގެންނެވެ.

ސްވިފްޓްގެ ބޭނުމަކީ ކޮބާ؟

ސޮސައިޓީ ފޮ ވޯލްޑްވައިޑް އިންޓަބޭންކް ފައިނޭންޝަލް ޓެލެކޮމިއުނިކޭޝަން (ސްވިފްޓް) އަކީ ރައްކާތެރިކަން ވަރަށް ބޮޑަށް ހަރުދަނާކުރެވި، ބޭންކްތައް ފަދަ ދުނިޔޭގެ މާލީ އިދާރާތަކުގެ މެދުގައި މެސެޖު ފޮނުވަން ބޭނުންކުރެވޭ ނިޒާމެކެވެ.

ސްވިފްޓަކީ ސީދާ ނަގުދު ފައިސާ ފޮނުވާ ނިޒާމެއް ނޫނެވެ. ސްވިފްޓް މެދުވެރިކޮށް މާލީ މުއާމަލާތް ހިންގަނީ އެ ނިޒާމު ގަބޫލުކުރާ ގައުމުތަކުގެ މެދުގަ އެވެ. ސްވިފްޓަކީ މާލީ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރަން ބޭނުންހިފޭ ނިޒާމެކެވެ.

ގައުމެއްގެ ބޭންކްތަކުންނާއި މާލީ އިދާރާތަކުން ބޯޑަރު ހުރަސްކޮށް އެހެން ގައުމަކަށް ފައިސާ ފޮނުވަން ޖެހިއްޖެ ހިނދު، ގުޅުން އޮންނަ އެހެން ގައުމެއްގެ ބޭންކަކަށް ޕޭމަންޓް އޯޑަރެއް ސްވިފްޓް މެދުވެރިކޮށް ފޮނުވަ އެވެ. އަދި ސްވިފްޓް މެސެޖުގައި އޮންނަ މައުލޫމާތުގައި ބުނާ އެކައުންޓަކަށް ފައިސާ ޖަމާކުރެވެ އެވެ.

ސްވިފްޓް ނެޓްވޯކުން ގައުމެއް ބޭރުކޮށްލައިފި ނަމަ މިނެޓްވޯކުން ގުޅިފައި ހުންނަ މާލީ އިދާރާތަކާ ގުޅުން ކެނޑިގެންދެ އެވެ. އަދި ބޯޑަރު ހުރަސްކޮށް އެގައުމަކަށް ފައިސާ ފޮނވަން ގޮތްހުސްވެ އެވެ.

ރަޝިއާއިން ޔުކްރޭނަށް އަރައިގަތް މައްސަލާގައި ސްވިފްޓް ނިޒާމުން ރަޝިއާ ބޭރުކުރަން އެމެރިކާ އާއި އިނގިރޭސިވިލާތުން ކިތަންމެ އެދުނު ނަމަވެސް އަދި އޮތީ އެކަންވާ ގޮތަކަށް ނޫނެވެ. އެހެން ނަމަވެސް އެއީ މިހާރު މަޝްރަހު އޮތް ގޮތުން ދިމާވެދާނެ ކަމަށް ވިސްނަން ޖެހޭ ހާލަތެކެވެ.

ސްވިފްޓް ނިޒާމުން ރަޝިއާ ބޭރުކޮށްލައިފި ނަމަ ރަޝިއާއަށް ވަރަށް ބޮޑަށް ގެއްލުންވާނެ އެވެ. އެކަމަކު އެކަމުން ގެއްލުން ވާނީ ހަމައެކަނި ރަޝިއާއަކަށް ނޫނެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކަށް ބޭނުންވާ ގުދުރަތީ ގޭސް އަދި ވެސް ސަޕްލައިކުރަނީ ރަޝިއާއިންނެވެ. އަނެއްކޮޅުން ރަޝިއާއާ ގުޅުން އޮތް ގައުމުތަކުގައި ދިރިއުޅޭ ޔޫރަޕް އާއިލާތަކަށް ފައިސާ ފޮނުވުމުގައި ވެސް އޮބިނޯންނަ ވަރަށް ސްވިޓް ނެޓްވޯކް ބޭނުންކުރެވެ އެވެ.

ރަޝިއާ އާއި ދުނިޔޭގެ ބައެއް އެހެން ގައުމުތައް، ޚާއްސަކޮށް ޔޫރަޕްގެ ގައުމުތަކާ އެކު ހިންގާ މާލީ މުއާމަލާތްތަކުގެ ސަބަބުން ރަޝިއާއަށް ސްވިފްޓް ނިޒާމް ބަންދުކުރުމަކީ ޔޫރަޕަށް ވޭންއަޅާނެ ކަމަކަށް ވާނެ އެވެ.

ރަޝިއާއާ ވާދަވެރި ގައުމުތައް އެއްކޮޅަށް އަރައި ސްވިފްޓް ނިޒާމް ބަންދުކޮށްފާނެކަން ރަޝިއާއަށް އެނގެ އެވެ. ޔުކްރޭންގެ ކްރައިމިއާއަށް 2014 ގައި ރަޝިއާ ސިފައި އަރައިގަތް މައްސަލާގައި ހިނގާދިއަ ހާދިސާތަކުގައި ރަޝިއާއަށް އޮތީ އެކަން ވިސްނިފި އެވެ.

އެހެންކަމުން ސްވިފްޓްގެ ބަދަލުގައި އެފަދައިން ބޭނުންކުރާނެ ނިޒާމެއް -- "ސިސްޓަމް ފޮ ޓްރާންސްފާ އޮފް ފައިނޭޝަލް މެސެޖަސް" (އެސްޕިއެފްއެސް)ގެ ނަމުގައި ރަޝިއާ އޮތީ ގާއިމުކޮށްފަ އެވެ.

ޗައިނާއިން ވެސް ސްވިފްޓްގެ ބަދަލުގައި ވަކި ނިޒާމެއް -- "ސިޕްސް"ގެ ނަމުގައި ބޭނުންކުރެ އެވެ. ބުނެވޭ ގޮތުގައި ޗައިނާ އާއި އީރާން އަދި ރަޝިއާ ވެސް މިނިޒާމުން ފައިސާގެ ސައްހަކަން ދަމައްޓަ އެވެ.