ރަޝިޔާ އިން ޔުކްރޭނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ގައުމު ދިފާއު ކުރެއްވުމުގައި އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ދައްކަވަމުން ގެންދަވާ ހިތްވަރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައުރީފް ކުރައްވައިފި އެވެ.
ޔުކްރޭންގެ ރައީސް އަށް ތައުރީފް ކުރައްވާ ރައީސް ނަޝީދު މިއަދު ވިދާޅުވީ ޒެލެންސްކީ ސާބިތުވެ ހުންނެވީ ރަޝިއާގެ އުދުވާންގެ ކުރިމަތީގައި ކަމަށާއި އޭނާ އަކީ ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ.
ރަޝިއާ އިން ޔުކްރޭނަށް ދެމުންދާ ހަމަލަތަކާއި ގުޅިގެން ރައީސް ނަޝީދު ޔުކްރޭންގެ ކޮޅަށް ބުރަވެވަޑައިގެން އެމަނިކުފާނުގެ ޝުއޫރު ފާޅުކުރެއްވި ނަމަވެސް މިމައްސަލައިގައި ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ރަޝިއާ އިން ޔުކްރޭނަށް ހަމަލާ ދޭން ތައްޔާރުވި ހިސާބުން ފެށިގެން ޒެލެންސްކީ ގެންދަވަނީ ޔުކްރޭންގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވަމުންނެވެ. ސޯޝަލްމީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ކޮންމެ ދުވަހަކު ވެސް ދުނިޔެ އަށް ތަފާތު މެސެޖުތައް އޭނާ ގެންދަވަނީ ދެއްވަމުންނެވެ.
ޔުކްރޭންގެ މިނިވަންކަމާއި އިސްތިގުލާލް ހިމާޔަތް ކުރުމަށްޓަކައި ރަޝިއާގެ ކުރިމަތީގައި ފަސްޖެހިވަޑައިގެން އެންމެ ތަންފުކެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ ޒެލެންސްކީ ގެންދަވަނީ ސާބިތުކަން ދައްކަވަމުންނެވެ.
ޔުކްރޭން ދޫކުރައްވާ ވަޑައިގަތުމަށް އެމެރިކާ އާއި ބައެއް އެހެން ގައުމުތަކުން ހުށަހެޅުމުން އެކަމަށްވެސް ޒެލެންސްކީ ވަނީ ދެކޮޅު ހައްދަވާފަ އެވެ. އަދި އޭނާ މިހާރު ގެންދަވަނީ އަސްކަރީ ޔުނީފޯމް ތުރުކުރައްވައިގެން ޔުކްރޭން ސިފައިންނާ އެކު ހަނގުރާމައިގެ މައިދާނުގައިވެސް މަސައްކަތް ކުރައްވަމުންނެވެ.
ރަޝިއާގެ އަސްކަރީ ހަމަލާތަކުގެ ކުރިމަތީގައި ޒެލެންސްކީ ދައްކަވަމުން ގެންދަވާ ހިތްވަރާއި ސާބިތުކަމަށްޓަކައި ސޯޝަލްމީޑިއާގައި ދުނިޔޭގެ ވަރަށް ގިނަ ބަޔަކު ވެސް ގެންދަނީ ޒެލެންސްކީ އަށް ތައުރީފް ކުރައްވަމުންނެވެ. ޒެލެންސްކީ މިވަގުތު ހުންނެވީ ވެސް ހަނގުރާމަ އެންމެ ގަދައަށް ހިނގަމުންދާ ވެރިރަށް ކިއެވްގައި ކަމަށް ހަބަރުތައް ބުނެ އެވެ. ރަޝިއާގެ ފައުޖުތަކުން ގެންދަނީ ކިއެވް ހިފުމަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
ގާނޫނީ ދާއިރާ އިން ކިޔަވާ ވިދާޅުވެފައިވާ ޒެލެންސްކީ އަކީ ޔުކްރޭންގެ ރައީސް ކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެ ގައުމުގައި ވަރަށް މަޝްހޫރޫ ކޮމޭޑިއަން އެކެވެ. ރައީސް ކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ސިޔާސީ އިސް މަގާމުތަކެއް ފުރުއްވާފައެއް ނުވެ އެވެ.