މަތީ ތައުލީމް

މަޓީން ޔޫކޭއާ ގުޅިގެން ޓޫރިޒަމާ ގުޅޭ ސްކޮލަޝިޕްތަކެއް ދެނީ

Feb 28, 2022

ފަތުރުވެރިކަމުގެ ދާއިރާ އިން އިނގިރޭސިވިލާތުގައި ކިޔަވަން ބޭނުންވާ ދިވެހިންނަށް ފުރުސަތު ހޯދައިދިނުމަށް ރާއްޖޭގައި ރިސޯޓު ހިންގާ ކުންފުނިތަކުގެ ވެރިން ތަމްސީލް ކުރާ ޖަމިއްޔާ -- މަޓީން އިނގިރޭސި ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހި ދަރިވަރުންނަށް ފުރުސަތު ލިބޭނީ އިނގިރޭސިވިލާތުގެ ސްކޮލަޝިޕް ޕްރޮޮގްރާމެއް ކަމުގައިވާ ޝެވެނިންގެ ދަށުންނެވެ.

މި ޕްރޮގްރާމަކީ ތައުލީމީ ފެންވަރު ރަނގަޅު ކުދިންނަށް އަމާޒުކޮށްގެން ހުރިހާ ގައުމަކަށް ވެސް ފުރުސަތު ދީގެން އިނގިރޭސި ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މާގިރި ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ނަޒީރު އެވެ.
އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ކެރޮން ރޮސްލާ އެވެ.

އިނގިރޭސިވިލާތުގެ ޔުނިވަސިޓީ ތަކުން މިސްކޮލާޝިޕްގެ ދަށުން ކިޔެވޭނީ މާސްޓާސް ޕްރޮގްރާމުތަކުގަ އެވެ.

ސްކޮލާޝިޕަށް ކުރިމަތިލާ ކުދިންގެ އަދަދާއި ކާމިޔާބީއަށް ބަލައި، އިތުރު ފުރުސަތުތައް ހުޅުވާލާނެ ކަމުގެ އިޝާރާތެއް މަޓީން ވަނީ ދީފަ އެވެ.