ސްޓާލިން ޕައުންޑްގެ އަގު ޑޮލަރާއި އަޅާ ބަލާއިރު ރެކޯޑް މިންވަރަކަށް ވެއްޓިއްޖެ އެވެ.
އާންމު ގޮތެއްގައި ޕައުންޑެއްގެ އަގު މިހާރު އުޅެނީ 1.03 ޑޮލަރަށެވެ. ނަމަވެސް އެ އަގު މިހާރު 1.05 ޑޮލަރަށް ވަނީ އުފުލިފަ އެވެ. މީގެ ކުރިން ޕައުންޑްގެ އަގު މިހާ ބޮޑަށް ވެއްޓިފައިވަނީ 1985 ގައި ކަމަށް ސީކިއުޖީގެ ހިސާބުތައް ދައްކަ އެވެ.
ޕައުންޑްގެ އަގު ރެކޯޑް މިންވަރަކަށް ވެއްޓެން މެދުވެރިވި މައިގަނޑު ސަބަބަކީ، އިނގިރޭސި އާ ސަރުކާރުން އެ ގައުމުގެ ބައެއް ޓެކްސްތައް ބޮޑުތަނުން ކުޑަ ކުރުމަށް ނިންމުމާ ގުޅިގެން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއީ ފާއިތުވި 50 އަހަރުގެ ތެރޭގައި އިނގިރޭސި ވިލާތުން ޓެކްސް އެންމެ ބޮޑަށް ކުޑަ ކުރާ ފަހަރެވެ.
ޓެކްސް ކުޑަކުރުމުގެ އިތުރުން ލޯނު ނެގުން ފަހި ކުރުމަށް 45 ބިލިއަން ޕައުންޑްގެ ޕެކޭޖެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް އިނގިރޭސި ސަރުކާރުން ބުނެ އެވެ.
ޕައުންޑްގެ އަގު ރެކޯޑް މިންވަރަކަށް ވެއްޓުނު އިރު، ޔޫރޯގެ އަގުވެސް ވަނީ ފާއިތުވި 20 އަހަރުގެ ތެރޭގައި ދަށަށް ގޮސްފައި ނުވާ މިންވަރަށް ވެއްޓިފަ އެވެ.
މީގެ މައިގަނޑު ސަބަބަކީ ރަޝިޔާ-ޔޫކްރޭން ހަނގުރާމަ އާއި ގުޅިގެން، ރަޝިއާ އާ ދެކޮޅަށް ޔޫރަޕުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއި އެކު އުފެދިފައިވާ މައްސަލަތަކެވެ. އެގޮތުން ޔޫރަޕް ގައުމުތަކަށް ރަޝިއާ އިން ފޯރުކޮށްދޭ ހަކަތައިގެ ބާވަތްތައް ވަރަށް ބޮޑަށް ލިމިޓް ކޮށްފައި ވަނިކޮށް، ފިނި މޫސުން ބޯމަތިވިއިރު ވެސް އެކަމަށް ހައްލެއް ނުލިބުމަކީ އެ ސަރަހައްދުގެ ގައުމުތައް ރިސެޝަނަކަށް ގޮސް، އެތައް ބަޔަކު ހާލުގައި ޖެހޭނެ ކަމެކެވެ.