ފޮރިން މިނިސްޓްރީ

ހުޅުވެން މިއުޅެނީ ޑިއުޓީއާ ނުލާ މަސް އެތެރެކުރެވޭނެ މާކެޓެއް: ފައްޔާޒު

ދިވެހިރާއްޖެއާ އެކު އިނގިރޭސިވިލާތުން ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމުމާ ގުޅިގެން މިއީ އިނގިރޭސިވިލާތަށް ޑިއުޓީއަކާ ނުލައި ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭނެ މަގުފަހިކުރުމަށް ފަހުގެ ތާރީހެއްގައި އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ ދިވެހިރާއްޖެއާ އެކު އިނގިރޭސިވިލާތުން ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމާ މިއަދު އެކަން އިއުލާންކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

ފައްޔާޒު ވިދާޅުވީ އިނގިރޭސިވިލާތުން މިއަދު ކުރި އިއުލާނާ އެކު އިނގިރޭސިވިލާތަށް ޑިއުޓީއަކާ ނުލާ ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރެވޭނެ މަގުފަހިކުރެވޭ ގޮތް ވުމަކީ ފަހުގެ ތާރީހެއްގައި އެޅުނު އެންމެ މުހިއްމު ފިޔަވަޅު ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ތަރައްގީކޮށް، މަސްވެރިން ބާނާ މަހަށްް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނެގޯޝިއޭޓް ކުރުމުގެ މަރުޙަލާ ފެށިގެން ދިޔުމީ ރާއްޖޭގެ އިގްތިސާދީ ކުރިމަގަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް. މިކަމުގައި ބައިވެރިވި އިކޮނޮމިކް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީގެ ޓީމަށް ޝުކުރު ދަންނަވަން،" ފައްޔާޒު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އިނގިރޭސިވިލާތުން ދިވެހިރާއްޖެއާއެކު ފްރީ-ޓްރޭޑް-އެގްރީމަންޓެއްގައި ސޮއިކުރުމުގެ މަސައްކަތް ފެށުމަށް ނިންމައި އެކަން މިއަދު އިއުލާންކުރުމަކީ ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމެއް ކަމަށެވެ.

އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ 20 ޕަސަންޓް ޓެކްސް ކަނޑާލުމަށް މަގުފަހިވާ ފަދަ އެއްބަސްވުމަކަށް ދެވުނީ ވޭތުވެދިޔަ ހަތަރު އަހަރު މެދުކެނޑުމެއްނެތި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާފައިވާ މަސައްކަތުގެ ނަތީޖާއެއްްގެ ގޮތުން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް އިގްތިސާދީ ގުޅުންތައް އިތުރަށް ބަދަހިވެ، ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ،" ޝާހިދު ވިދާޅުވި އެވެ.

ދިވެހިރާއްޖެއާ އެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ފެށުމަށްޓަކައި ދިވެހިރާއްޖެއާއެކު ވިޔަފާރިކުރުމުގައި އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށާއި ޖަމިއްޔާތަކަށް ހުރި އުނދަގޫތަކާއި ގޮންޖެހުންތައް ދެނެގަތުމަށާއި، ފްރީ ޓްރޭޑް އެއްބަސްވުމުގައި އިސްކަންދޭންވީ ކަންކަން ދެނެގަތުމަށްޓަކައި ޚިޔާލު ހުށަހެޅުމަށް މިއަދު ހެނދުނު އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އާންމުކޮށް އިއުލާންކޮށްފަ އެވެ.

ދިވެހިރާއްޖެ އަކީ މި ވަގުތު ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ސޮއި ކޮށްފައި ނުވާ އަދި ޕްރިފަރެންޝަލް މާކެޓް އެކްސެސް ނުލިބޭ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.