ފޮރިން މިނިސްޓްރީ

އިނގިރޭސިވިލާތަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެދިއްޖެ

އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިންނާއި އެ ގައުމަށް މިދުވަސްވަރު ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިކަމަށް އިލްތިމާސްކޮށްފައި މިވަނީ އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތްޕޯޓުގައި ހިނގި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދިނުމުގެ ހިތާމަވެރި ހާދިސާގައި ތިން ކުޑަ ކުދިން މަރުވުމާ ގުޅިގެން، މުސްލިމުންނާ ދެކޮޅަށް އެ ގައުމުގައި މިހާރު ހިންގަމުންދާ ސިލްސިލާ މުޒާހަރާތަކާއި ހަރަކާތްތަކާ ގުޅިގެންނެވެ.

މި ހަމަލާ ދީފައިވަނީ އަދި މުޒާހަރާތައް އެންމެ ބޮޑަށް ހިނގަނީ އިނގިރޭސިވިލާތުގެ ސައުތްޕޯޓް އަދި އެތާގެ ވަށައިގެންވާ ސަރަޙައްދުތަކުގައެވެ. އެހެންވެ މިސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހިންނާއި ވަކިން ހާއްސަކޮށް މިސަރަހައްދަށް ދަތުރުކުރާ މީހުން އިތުރަށް ސަމާލުވުމަށް މިނިސްޓްރީން އެދިފައިވެ އެވެ.

"މި މިނިސްޓްރީގެ އެދުމަކީ އެންމެހައި ފަރާތްތަކުން އިންތިހާއަށް ފަރުވާތެރިވެ، އަބަދުވެސް އެންމެ ފަހުގެ މަޢުލޫމާތު ހޯދަމުން ގެންދިއުމާއެކު، އަމިއްލަ ރައްކާތެރިކަމަށް އިސްކަންދިނުމެވެ." މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ އަމަންއަމާންކަން ގެއްލިފައިވާ ސަރަހައްދުތަކާ ދުރުހެލިވެ، އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ދޭ އެންމެހައި އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މި ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް ބާވަތެއްގެ ކޮންސިއުލަ އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށްވެސް އެދިފައިވެ އެވެ.