ދަރިންގެ ބަނޑުފުރާނަ މުއްތިކުރާނެ އެހެން ގޮތެއް ނެތިގެން އަފްޣާނިސްތާން މީހުން ކިޑްނީ ވިއްކައިގެން މިހާރު ގެންދަނީ ފައިސާ ހޯދަމުންނެވެ. އެ ގައުމަށް ބަނޑުހައިހޫނުކަމާއި ވަޒީފާނެތުން އާއްމުވެ ކަރުތާފެނަށް ދަރަނިވެރިވެފައި ވުމުން އާއްމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ހާލުގައި ޖެހިފައި ކަމަށް އަލް ޖަޒީރާ ރިޕޯޓެއްގައި ބުނެފައި ވެއެވެ.
އެއްވެސް ހަމައެއް ލަމައެއް ނެތި ކިޑްނީ ވިއްކުން މިހާރު އެ ގައުމުގައި އާއްމުވެފައިވާ ކަމަށާއި ހެރަތު ސިޓީއަށް މިހާރު މީހުން ވަނަމަކަށް ކިޔާ އުޅެނީ އެއް ކިޑްނީ އަވަށް ކަމަށް ވެސް މި ރިޕޯޓުގައި ވެއެވެ.
ވަޒީފާ ނެތް އެތައް ހާސް ބަޔަކު ދުވަސްކޮޅަކަށް ނަމަވެސް ދަރިންގެ ބަނޑުހައިހޫނުކަން ފިލުވަން ކިޑްނީ ވިއްކުން ނޫން ގޮތެއް ނެތް ކަމަށް ގަބޫލު ކުރެ އެވެ.
އޭއެފްޕީ ރިޕޯޓެއް ބުނާ ގޮތުގައި އަފްޣާން މީހުން ކިޑްނީއެއް ވިއްކަނީ އެންމެ 1500 ޑޮލަރަށެވެ.
"ގުނަވަން ވިއްކޭނެ ނުވަތަ ހަދިޔާ ކުރުން ކޮންޓްރޯލް ކުރާނެ ގާނޫނެއް އެ ގައުމަކު ނެތް. ގުނަވަން ހަދިޔާ ކުރާ މީހާ އެއްބަސްވީމަ އެ ނިމުނީ،" މަޒާރީ ޝަރީފް ސިޓީގެ އުތުރުގައި ހުންނަ ބޮޑު ހޮސްޕިޓަލެއްގައި ކުރިން މަސައްކަތްކުރި މޮޅު އޮޕަރޭޝަނަށް ޚާއްސަ ޑޮކްޓަރަކު އަލް ޖަޒީރާ އަށް ވިދާޅުވެފައި ވެއެވެ.
ހެރަތުގައި އެންމެ ގިނައިން ކިޑްނީ ޓްރާންސްޕްލާންޓް ހަދާ ދެ ހޮސްޕިޓަލުން އެއް ހޮސްޕިޓަލުގެ ސާޖަން އެއް ކަމަށްވާ ޑރ. މުހައްމަދު ބަސީރް އޮސްމާނީ ވިދާޅުވީ ކިޑްނީ ނަގަން ސާޖަރީ ހެދުމުގެ ކުރިން ކިޑްނީ ހަދިޔާ ކުރާ މީހާ އެކަމަށް އެއްބަސްވެ ސޮއިކޮށްފައިވާ ލިޔުމެއް އެ ހޮސްޕިޓަލުން ހޯދަ އެވެ. އަދި ޚާއްސަކޮށް ޑޯނާގެ ވީޑީއޯ ރެކޯޑިން އެއްވެސް ނަގަ އެވެ.
ހާލުގައި ޖެހިފައިވާ މީހުންގެ ފައިސާ ގިނައިން ނަގަނީ އަފްޣާނިސްތާނުގެ މުއްސަނދިންނެވެ. އެ ގައުމުގެ އެކި ހިސާބުތަކުން ހެރަތު ސިޓީއަށް ގިނަ ބަޔަކު ކިޑްނީ ހޯދުމަށް އަންނަ ކަމަށް ވެއެވެ. އަދި އިންޑިއާ އާއި ޕާކިސްތާން ފަދަ ގައުމުތަކުން ވެސް ކިޑްނީ ހޯދަން މީހުން ދާ ކަމަށް ވެއެވެ.
ތަރައްގީވެފައިވާ ގައުމުތަކުގައި ގުނަވަންތައް ހަދިޔާ ކުރާ މީހުންނާއި އެ ގުނަވަނެއް ޓްރާންސްޕްލާންޓް ކުރާ މީހާއަށް ދިގު އުމުރެއްގައި ސަލާމަތް ސިއްހަތެއްގައި ދިރި އުޅެވެ އެވެ. ސާޖަރީއަށް ފަހު އެމީހުން މޮނިޓާ ކުރެވެމުން ގެންދެވޭލެއް ބަރާބަރު ކަމުންނާއި ލައިފްސްޓައިލަށް ރަނގަޅު ބަދަލެއް ގެނެސް ކެއުމުގެ އާދަތައް ވެސް ރަނގަޅު ކުރާތީ އެވެ.
ނަމަވެސް އަފްޣާނިސްތާނުގައި ކިޑްނީ ހަދިޔާ ކުރާ މީހުން އުޅެނީ ވަރަށް ހާލުގަ އެވެ. ގިނަ ފަހަރަށް ކިޑްނީ ހަދިޔާ ކުރުމަށްފަހު ވެސް އެމީހުންނަށް އެކަށީގެންވާ ކާނާ ނުލިބި ބަނޑުހައި ހޫނުކަމުގައި ތިބެން ޖެހެ އެވެ. އަދި އެކަށީގެންވާ ބޭސް ފަރުވާ ނުކުރެވުމުގެ ސަބަބުން ބަލި ހާލު ވަރަށް ދެރަވެފައި ތިބެން ޖެހެ އެވެ.
އދ. އިން ބުނެފައިވާ ގޮތުގައި އަފްޣާނިސްތާނުގެ 38 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން އުޅެނީ ބަނޑުހައި ހޫނުކަމުގަ އެވެ. އަދި މީގެ ތެރެއިން ނުވަ މިލިއަން މީހުން ބަނޑުހައިހޫނުކަމުގައި މަރުވުމުގެ ބިރު މިހާރު އެބައޮތެވެ.