ލައިފްސްޓައިލް

އަފްޣާން ޓީވީ އެންކަރެއް މަގުމަތީގައި ކާއެއްޗެތި ވިއްކަނިކޮށް ފެނިއްޖެ

ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވި ފަހުން އެ ގައުމުގެ ރައްޔިތުންގެ ތެރެއިން ބައެއް މީހުން ކުރަމުންދާ ހިތްދަތި ތަޖުރިބާތަކުގެ ވާހަކަ ވަރަށް ގިނައިން އިވެ އެވެ. އެގޮތުން ސަރުކާރުގެ މަތީ ވަޒީފާތަކުގައި ކުރިން އުޅުނު ބައެއް މީހުންގެ މިހާރުގެ ހާލަތު ޓުވިޓާގައި ކިޔައިދީފައިވަނީ ހާމިދު ކަރްޒާއީގެ ސަރުކާރުގައި މަތީ ވަޒީފާއެއް އަދާކުރި ކަބީރް ހަގްމަލް އެވެ.

އޭނާ ޓުވީޓްކުރި ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ކުރީގައި ސަރުކާރުގެ މަތީ މަގާމުތަކުގައި މަސައްކަތްކުރި ކިޔަވައިގެން ތިބި ހުނަރުވެރި ގާބިލްމީހުންގެ ތެރެއިން ވަރަށް ގިނަ މީހުންގެ ވަޒީފާތައް ގެއްލި ބަނޑުހައިހޫނުކަމާއި ފަގީރުކަން ކުރިމަތިވެފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން ބައެއް މީހުން ބަނޑުފުރާނަ މުއްތިކުރުމަށް ވަރަށް އާދައިގެ މަސައްކަތްތައް ކުރާ ކަމަށެވެ.

އެގޮތުން އޭނާ ވަނީ މޫސާ މުހައްމަދީ ކިޔާ އަފްޣާން ނޫސްވެރިއެއްގެ ފޮޓޮއެއް ޝެއާ ކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި މުހައްމަދީ އަކީ ޓީވީ އެންކަރެއްގެ ގޮތުގައި ނޫސްވެރިކަމުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ވަރަށް ކުޅަދާނަ ގާބިލް މީހެކެވެ. ނަމަވެސް މިހާރު އޭނާގެ މަސައްކަތަކީ އަފްޣާންގެ މަގުތަކުގައި ކާ އެއްޗެތި ތައްޔާރުކޮށް ވިއްކުމެވެ.

އެތައް ޓީވީ ޗެނަލެއްގައި އެންކަރެއްގެ ގޮތުގައި މަސައްކަތްކުރި މުހައްމަދީ ކާއެއްޗެތި ވިއްކަން މަގުމަތީގައި އިންނަން މަޖްބޫރުވީ އާއިލާއަށް ކާން ދޭނެ އެހެން އެއްވެސް ގޮތެއް އޭނާ އަށް ނެތިގެންނެވެ. ބަނޑުހައިހޫނުކަން އިންތިހާއަށް ދިއުމުން ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވުނު ކޮންމެ މަސައްކަތެއް ވެސް ކުރާނެ ކަމަށާއި މުހައްމަދީ އަށް ވެސް މިގޮތަށް އިންނަން މަޖްބޫރުވެފައިވަނީކަމަށް މި ޓުވީޓްގައި ބުނެފައި ވެއެވެ.

މުހައްމަދީގެ ވާހަކަ އިންޓަނެޓުގައި ވައިރަލްވެ ވަރަށް ގިނަ ބައެއްގެ ސަމާލުކަމަށް މި ވާހަކަ އައުން ވެގެން ދިޔަ އެވެ. އަދި އޭނާއަށް އެހީތެރިކަން ފޯރުކޮށްދެވޭ ކަހަލަ ބައެއް މީހުންނާ ހަމަޔަށް މި ޚަބަރު ފޯރުން ވެގެން ދިޔައީ މުހައްމަދީގެ ނަސީބު އޭނާއަށް އެހީތެރިވާން މެދުވެރިވެ ސަބަބަކަށެވެ.

މުހައްމަދީގެ ޚަބަރު ކިޔާފައި އަފްޣާންގެ ޑައިރެކްޓަ-ޖެނެރަލް އޮފް ނެޝަނަލް ރޭޑިއޯ އެންޑް ޓެލެވިޒަން އަހުމަދުﷲ ވާސިގް ވަނީ މުހައްމަދީ އަށް އަލުން ޓީވީ އެންކާ އަދި ރިޕޯޓަރެއްގެ ވަޒީފާ ދީ އޭނާގެ ޑިޕާޓްމަންޓުގައި މަސައްކަތްކުރުމުގެ ފުރުސަތު ހޯދާދީފަ އެވެ.

ތާލިބާނުންގެ އަތްދަށަށް އަފްޣާނިސްތާން ސަރުކާރު ދިޔަ ފަހުން ވަޒީފާ ގެއްލުނު މުހައްމަދީ ކަހަލަ އެތައް ހާސް މީހުންނެއް އެބަތިއްބެވެ. ޚާއްސަކޮށް އަންހެނުން އަދާކުރަމުންދިޔަ ވަޒީފާތައް ވަނީ މުޅިން ގެއްލިފަ އެވެ.